Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ކުރީ ސަރުކާރާއި، މި ސަރުކާރާއި، އިންޑިއާ ސިފައިން

ސިފައިންގެ ހަފުލާއެއްގައި ރައީސް އިބްރާހީމް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ، ފޮޓޯ: މިހާރު
ދިވެހިރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ ވާހަކައަށް ސަރުކާރުން ދޭ ރައްދުތައް ފެއިލުވެ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަން ސާބިތުކުރަން ދައްކާ ވާހަކަތައް ޤަބޫލުކުރާނެ ބަޔަކު ނެތިވުމުން ދެން މި ސަރުކާރުން ދައްކާ ބަހަނާއަކީ އެހެނިހެން ކަންކަމުގައިވެސް ފާއިތުވި ފަސް އަހަރު ދެއްކި ބަހަނާއެވެ. ކުރީ ސަރުކާރުގެ ބަހަނާއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުކުރީ ކުރީ ސަރުކާރުންކަމަށް ބުނެ ދައްކާ ވާހަކައެވެ.

އެހެންކަމުން ތާރީޚަށްޓަކައި ލިޔެކިޔުންތަކާއި ހެކިތަކުގެ އަލީގައި މި ވާހަކައަށް އަލިއަޅުވައިލަންޖެހެއެވެ. ކުރީ ސަރުކާރުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބިނަމަ ތިބީ ކިހިނެއްކަން، އަދި ފަހުން ކަންކަން ހިނގި ގޮތަކީ ކޮބައިކަން ސާފުވާންޖެހެއެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް އައުން

ރާއްޖޭގައި ޤާއިމުވެގެން ތިބޭ ގޮތަށް އިންޑިއާ ސިފައިން އެންމެ ފުރަތަމަ ރާއްޖެއަށް އައީ އިންޑިއާއިން "ހަނދިޔާކުރި"ކަމަށް ބުނާ ދެ ހެލިކޮޕްޓަރާއެކުއެވެ. އިންޑިޔާއިން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ހެލިކޮޕްޓަރެއް "ހަދިޔާކުރީ" 2010 ވަނަ އަހަރުއެވެ. އެއިރު ރައީސުލްޖުމްހޫރިއްޔާއަކީ މިހާރުގެ ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ފުރަތަމަ ހަދިޔާކުރި ހެލިކޮޕްޓަރު ރާއްޖެ ގެނައީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ޤައުމީ ދިފާޢީ ބާރުގެ ލެފްޓިނެންޓު ޢަބްދުﷲ ޢަލީ ވިދާޅުވެފައިވަނީ ދިވެހި ޕައިލަޓެއް ތަމްރީނުކުރެވެންދެން އެ ހެލިކޮޕްޓަރު ދުއްވާނީ އިންޑިިޔާ ސިފައިން ކަމަށެވެ. އަދި ދިވެހި ޕައިލަޓެއް ތަމްރީނުވުމާއެކު، ހެލިކޮޕްޓަރު ދުއްވުމާ ދިވެހި ސިފައިންގެ ބޭކަލުން ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއިރު ސިފައިންގެ ތެރޭގައި ތިބި ޕައިލެޓުންނާއި އިތުރު ބައެއް ސިފައިންވެސް މި ހެލިކޮޕްޓަރު ދުއްވުމަށް ތަމްރީނުކުރުމުގެ މަސައްކަތް އިންޑިޔާގެ ޢަސްކަރިއްޔާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއާއެކު ހެދި އެއްބަސްވުމުގެ ދަށުން ދެ ހެލިކޮޕްޓަރު ރާއްޖެއަށް "ހަދިޔާކުރަން" އިންޑިއާއިން އެއްބަސްވެފައި އޮތެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނީ ދެވަނަ ހެލިކޮޕްޓަރު ނުގެނެވެނީހެވެ. ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދެވަނަ މަސްކަމަށްވާ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ދެވަނަ ހެލިކޮޕްޓަރު ރަމްޒީކޮށް ރާއްޖެއަށް ހަދިޔާކުރިއެވެ. ރަމްޒީ ގޮތެއްގައި ހެލިކޮޕްޓަރު ހަދިޔާކުރީ އިންޑިޔާގެ ކޮޗިންގައި ހުންނަ އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ދެކުނުގެ ބޭސްގައި އޮތް ރަސްމިޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރަމްޒީކޮށް ހެލިކޮޕްޓަރާ ހަވާލުވެވަޑައިގަތީ އެއިރުގެ ޑިފެންސް މިނިސްޓަރު ރިޓަޔަޑް ކާނަލް މުޙައްމަދު ނާޒިމެވެ.

އެހެންނަމަވެސް ހެލިކޮޕްޓަރު ރަސްމީކޮށް ރާއްޖެއަށް ގެނައުން ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެއިރުގެ ސަރުކާރުން ދެވަނަ ހެލިކޮޕްޓަރު ގެނައުމަށް އެއްބަސްވުން ލަސްވަމުންދިޔަ ސަބަބުތައް އެއިރު ބައެއް މީޑިއާތަކުގައި ފެންމަތިވެފައިވެސް އެބަހުއްޓެވެ. އެގޮތުން އެއިރު މީޑިއާއެއްގައި ރިޕޯޓުކޮށްފައި އޮތީ، "ދެ ވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެނަސް ލަސްވަނީ އިންޑިއާގެ އިތުރު އަސްކަރީ ޓީމެއް އެއާ އެކު ރާއްޖޭގައި ތިބުމަށް އިންޑިއާ އިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާތީ ކަމަށާއި އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީންކުރަން އިންޑިއާ އިން ދެކޮޅު ހަދާތީ" ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި ހެލިކޮޕްޓަރާއި 2017 ވަނަ އަހަރު ގެނައި ހެލިކޮޕްޓަރާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދިވެހިންނަށް ހެލިކޮޕްޓަރު ދުއްވަން ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު އަނބުރާ އިންޑިއާއަށް ދާނެކަމަށް އެއިރު އިންޑިއާ ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެއެވެ. ނަމަވެސް ފުރަތަމަ ހެލިކޮޕްޓަރު ގެނައި ފަހުން 13 އަހަރު ފާއިތުވިއިރު އަދިއަދަށްވެސް ހެލިކޮޕްޓަރު ދުއްވުމުގެ ތަމްރީނު އަދި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ ތަމްރީނު ދިވެހި ސިފައިންނަށް ފޯރުކޮށްދެވިފައިނުވެއެވެ.

ހެލިކޮޕްޓަރު އެއްބަސްވުންތައް އައުނުކުރުން

2016 ވަނަ އަހަރުގައި އެއިރުގެ ސަރުކާރުން ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އައުކުރީ އެ އެއްބަސްވުންތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ދިވެހި ސިފައިން ތަމްރީނުކޮށް ހެލިކޮޕްޓަރުތައް ޤައުމީ ދިފާއީ ބާރާ ހަވާލުކުރާ މަތިންނެވެ. ނަމަވެސް އެއްބަސްވުންތަކުގެ މުއްދަތު ހަމަވިއިރުވެސް އެކަން އިންޑިއާއިން ކޮށްފައިނުވެއެވެ.

އެ ހިސާބުން ދިވެހި ސަރުކާރުން އިންޑިއާގެ ހެލިކޮޕްޓަރުތައް އަނބުރާ އެ ޤައުމަށް ގެންދަން އެދުނެވެ. އެއީ އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭއްވުމަށް ހެދި އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމާ ގުޅިގެން އިތުރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ސަރުކާރުން ބޭނުންނުވުމުންނެވެ.
މަތީގައި އެވާ ސިޓީއަކީ 22 އޭޕްރީލް 2018 ވަނަ ދުވަހުގައި ދިވެހި ސަރުކާރުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ފޮނުވި ސިޓީއެވެ. އެ ސިޓީގައި އެދިފައިވަނީ އައްޑޫގައި ބާއްވާފައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖެއިން އަނބުރާ ގެންދިއުމަށް އެދިފައެވެ.
މަތީގައި އެވާ ސިޓީއަކީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރަމުން އައި ދެވަނަ ހެލިކޮޕްޓަރުކަމަށްވާ ލ.އަތޮޅު ކައްދޫގައި އޮތް ހެލިކޮޕްޓަރު އަނބުރާ ގެންދަން އެދި އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން ފޮނުވި ސިޓީއެވެ. މި ސިޓީތަކަށްފަހުވެސް ތަކުރާރުކޮށް އެތައް ސިޓީއެއް ދެ ހެލިކޮޕްޓަރާއި އޭގެ ހަވާލުގައި ރާއްޖޭގައި ތިބި ސިފައިން އަނބުރާ ގެންދަން އެދި ދިވެހި ސަރުކާރުން ފޮނުވިއެވެ.

އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރި ހެލިކޮޕްޓަރުތައް އަނބުރާ އެ ޤައުމަށް ގެންދަން ދިވެހި ސަރުކާރުން އެންގުމަކީ ސިއްރެއް ނޫނެވެ. އެކަން އިންޑިއާގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ ދަ ހިންދޫއިންވެސް ރިޕޯޓުކުރިއެވެ. އެގޮތުން އެ ނޫހުގައި ރިޕޯޓުކުރި ގޮތުގައި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި އެ ހެލިކޮޕްޓަރުތަކާއެކު ތިބި އެ ޤައުމުގެ ސިފައިން އަނބުރާ ގެންދަން ތަކުރާރުކޮށް ރައީސް ޔާމީނުގެ ސަރުކާރުން އެދޭތީ އުސޫލެއްގެ ގޮތުން ސިފައިންނާ ހެލިކޮޕްޓަރުތައް ގެންދަން އިންޑިއާ ސަރުކާރުންވަނީ ނިންމާފައެވެ. މިއީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައި އެ ނޫހުގައި ޝާއިއުކުރި ޚަބަރެކެވެ.

ހަމައެހެންމެ އިންޑިއާގެ އޮފިޝަލުން އެ ޤައުމުގެ ނޫސްތަކަށް މައުލޫމާތުދެމުން އެއިރު ބުނެފައިވަނީ ރައީސް ޔާމީނު ފޮނުވައިލައްވަން ބޮޑަށް ބޭނުންފުޅުވަނީ އިންޑިއާގެ ހެލިކޮޕްޓަރުތައް ނޫންކަމަށެވެ. ނަމަވެސް އެ ހެލިކޮޕްޓަރުތަކާއެކު ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ކަމަށެވެ.
“Now the issue is Yameen wants the helicopters out, but more importantly he wants the personnel out. It is not the helicopters that trouble him so much, it is actually the fact that there are these people there.”
އޮބްޒާވާ ރިސާޗް ފައުންޑޭޝަނުގެ ބާހިސް އަބިޖިތު ސިންހު
އިންޑިއާ ސަރުކާރަށް ސްޓްރެޓެޖިކް ކަންކަމުގައި ލަފާދޭ އިންޑިއާގެ ތިންކު ޓޭންކެއްކަމުގައިވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުގެ ބާހިސެއްކަމަށްވާ އަބިޖިތު ސިންހު 2018 ވަނަ އަހަރު ދަ ވަޔާއަށް މައުލޫމާތުދެމުން ބުނެފައިވަނީ، "މިހާރު މައްސަލައަކީ ޔާމީން އިންޑިއާ ހެލިކޮޕްޓަރުތައް ބޭރުކުރަން ބޭނުންވުން. ނަމަވެސް އެއަށްވުރެ މުހިއްމުކޮށް އޭނާ [ރައީސް ޔާމީން] ބޭނުންވަނީ ސިފައިން ބޭރުކުރަން. އޭނާއަށް އުދަގޫވަނީ ހެލިކޮޕްޓަރުގެ ސަބަބުންނެއް ނޫން. އެހެންނަމަވެސް އެއީ އެތަނުގައި މީހުން [ސިފައިން] ތިބޭ ތިބުން،" ކަމަށެވެ.

ހެލިކޮޕްޓަރުތައް ނުގެންގޮސް ސަރުކާރު ބަދަލުކުރުމާއި އެއްބަސްވުންތައް އައުކުރުން

އިންޑިއާގެ ބައެއް ނޫސްތަކުން އެ ޤައުމުގެ ސަރުކާރުގެ މަސްއޫލުވެރިންނާ ހަވާލާދީ ހެލިކޮޕްޓަރުތަކާއި އޭގެ ހަވާލުގައި ތިބި ސިފައިން އަނބުރާ އިންޑިއާއަށް ގެންދަން ނިންމިކަމަށް ރިޕޯޓުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ އެންގުމާ ޚިލާފަށް އިންޑިއާއިން ނިންމީ ސިފައިން ރާއްޖޭގައި ބޭތިއްބުމަށެވެ. ހެލިކޮޕްޓަރު އެއްބަސްވުން ސަރުކާރުން އައުނުކުރި ނަމަވެސް، އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ ކެންސަލުކުރި ނަމަވެސް އިންޑިއާއިން ނިންމީ ހެލިކޮޕްޓަރުވެސް ސިފައިންވެސް އަނބުރާ ނުގެންގޮސް، އެއިރުގެ ސަރުކާރު ބަލިކުރުމަށް އެއިރު އިދިކޮޅުގައި ތިއްބެވި ލީޑަރުންނަށް އެހީތެރިވާށެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު އެއްބަސްވުންތައް ވަނީ އާ ކުރެވިފައެވެ. މިގޮތުން 12 ޑިސެމްބަރުގައި އިންޑިއާ އެމްބަސީ އިން ވަނީ ދިވެހި ސަރުކާރަށް އެކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައެވެ. އޭގެ ފަހުން 2 ޖެނުއަރީގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ އިން އެދިފައިވާ ގޮތަށް ހެލިކޮޕްޓަރު އެއްބަސްވުންތައް އާކޮށްފައެވެ.

މާރިޔާ އޭރު ވިދާޅުވެފައިވަނީ ރާއްޖެއަކުން އަވަށްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދު ނުކުރާނެ ކަމަށެވެ. އެއާއެކު ސަރުކާރަށް ދެ މަސް ނުވަނީސް އެ އެއްބަސްވުން އަލުން ދިވެހި ސަރުކާރުން އައުކުރިއެވެ. ސަރުކާރުން އޭގެ ފަހުންވަނީ ހާމަނުކުރާ ގޮތް ނޭނގޭ އެތައް އެއްބަސްވުމެއްގައި އިންޑިޔާއާއެކު ސޮއިކޮށްފައެވެ.

އެހެން އަސްކަރީ އެއްބަސްވުމެއްގައި ކުރީ ސަރުކާރުން ސޮއިކުރިތަ؟

އެހެންކަމުން ހެލިކޮޕްޓަރު އެއްބަސްވުން ކުރީ ސަރުކާރުން އައުނުކުރާކަމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލަން އެއިރު މަސައްކަތްކުރިކަން އެއީ އިންޑިއާގެ އޮފިޝަލުންގެ އިއުތިރާފުން އެނގެން އޮތް ހަގީގަތެކެވެ. ދެން އޮތް ސުވާލަކީ ކުރީ ސަރުކާރުން އިންޑިއާއާއެކު އިތުރު އެއްވެސް އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރިތޯ އުފެދޭ ސުވާލެވެ.

މި ސުވާލުގެ ޖަވާބުގައި ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ މީޑިއާތަކުން ދައްކަމުން އަންނަ ވާހަކައަކީ 2016 ވަނަ އަހަރު ރައީސް ޔާމީނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެކްޝަން ޕްލޭނެއްގެ ވާހަކައެވެ. "ޑިފެންސް އެކްޝަން ޕްލޭން"ގެ ނަމުގައި ސޮއިކުރި މި ލިޔުމަކީ އެ ލިޔުމުގެ ނަމުންވެސް އެނގޭ ފަދައިން އެއްބަސްވުމެއް ނޫނެވެ. އެއީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ލިސްޓެކެވެ. އެ ލިސްޓުގައި ވަރަށް ގިނަ ކަންތައް ހިމެނުނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅު ތަރައްޤީކުރުމާއި، ހައިޑްރޮގްރަފީ އެއްބަސްވުމާއި އެނޫންވެސް ގިނަ ކަންތައްތައް ހިމެނުނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގައި އިލްތިޒާމުވުން ލާޒިމުވާ އެއްބަސްވުމެއް އެއިރުގެ ސަރުކާރުން ޤާއިމުނުކުރެއެވެ.

އެކަން އެނގެނީ އެއިރު ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދު އިންޑިއާގެ އިސްވެރިންނާއެކު 2018 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގެ ރަސްމީ ކޮންޓެކްޓު ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ވަރަށް ސާފުކޮށް ރާއްޖެއިން އެއްބަސްނުވާ ކަންކަން ބަޔާންކޮށްފައި އޮވެއެވެ. ތިރީގައި އެވަނީ އެ ރިޕޯޓުގެ ސަފުހާއެކެވެ. އެ ސަފުހާގައި އުތުރުތިލަފަޅު ތަރައްޤީކުރަން އިންޑިއާއިން ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން ޖަވާބެއް ދީފައިނުވުމުން އެކަން އިންޑިއާއިން ފާހަގަކުރި ވާހަކައާއި، އުތުރުތިލަފަޅު ހަމައެކަނި އިންޑިއާއަށް ބޭނުންކުރެވޭ ގޮތަށް އެތަން ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ބޭނުންނުވާކަން ދިވެހި ސަރުކާރުން އިންޑިއާއަށް އެންގިކަން ސާފުކޮށް ފެންނަން އެބައޮތެވެ.
އަޙްމަދު މުޙައްމަދު ޔަގީންކަން ދެއްވި ގޮތުގައި، އިންޑިއާއިން އެދުނު ގޮތަށް އުތުރުތިލަފަޅުގެ މަސައްކަތް ކުރެވެން ނެތްކަން އިންޑިއާއަށް އެންގުމަށްފަހު، ރައީސް ޔާމީނުގެ ސަރުކާރުން އުތުރުތިލަފަޅު އެއްބަސްވުމާ ގުޅިގެން އިތުރު މުއާމަލާތެއް އެ ޤައުމާއެކު ހިންގާފައިނުވެއެވެ. އަދި އެ މަސައްކަތާ ގުޅިގެން އިންޑިއާއާއެކު ރާއްޖެއިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ނޯންނާނެކަން އޭނާ ކަށަވަރުކޮށްދެއްވައެވެ.

އަދި އެ ބައްދަލުވުމުގައިވެސް އެއިރު ލ.ކައްދޫގައި އޮތް ހެލިކޮޕްޓަރު ރާއްޖޭގައި އިތުރަށް ބާއްވަން އެއިރުގެ ސަރުކާރުން ބޭނުންނުވާކަން އިންޑިއާގެ ސަމާލުކަމަށް ދިވެހި ސަރުކާރުން ގެނައިކަން އެ ބައްދަލުވުމުގެ ކޮންޓެކްޓު ރިޕޯޓުން އެނގެން އެބައޮތެވެ.
ދެން މި ސަރުކާރުން ފަތުރާ އަނެއް ވާހަކައަކީ އިންޑިއާއާއެކު ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޮގްރަފީ އެއްބަސްވުމެއް ހެދީ ރައީސް ޔާމީނުގެ ސަރުކާރުންކަމަށް ބުނެ ސަރުކާރުން ފަތުރާ ވާހަކަތަކެވެ. ނަމަވެސް އަޙްމަދު މުޙައްމަދާއި އިންޑިއާގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގެ ކޮންޓެކްޓު ރިޕޯޓުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްވެސް ބޭރު ބަޔަކާއެކު ހައިޑްރޮގްރަފީ މަސައްކަތް ހިންގަން ބޭނުންނުވާކަން އިންޑިއާއަށް އަންގާފައިވާކަން ސާފުކޮށް ފެންނަން އެބައޮތެވެ. އަދި މި ސަރުކާރު އައިސް ހައިޑްރޮގްރަފީ އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ސޮއިކުރެއްވީއެވެ. އެހެންކަމުން އެއީ ކުރީ ސަރުކާރުން ހެދި އެއްބަސްވުމެއް ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ.

އެހެންކަމުން އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބުމާމެދު ކުރީ ސަރުކާރުގެ ވިސްނުމާއި އެކަމުގައި އެ ސަރުކާރުން އެޅި ފިޔަވަޅުތައް ސާފުކޮށް ހެއްކާއެކު މިއޮތީ ފެންނާށެވެ. "ދިޔަރެސް"އިން އުފައްދާ ފިތުނަކަމުގައި ބުނުން ފިޔަވައި، މިވާހަކަތަކަށް ރައްދުދެވޭނެ ބުރަދަންހުރި އެއްވެސް ވާހަކައެއް ސަރުކާރުން އަދި ސަރުކާރަށް ވާގިވެރިވާ މީޑިއާތަކުން ނުދައްކައެވެ. އަޅުގަނޑުމެން އެދެނީ މިވާހަކަތައް ދޮގުކުރާނެ ހެކިތަކެއް ހުރިނަމަ އެހެކިތައް ދެއްކުމެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުކުރަން އެއިރުގެ ސަރުކާރުން ހެދި އިލްތިޒާމުވަނިވި އެއްބަސްވުމެއް އޮތްނަމަ އެ އެއްބަސްވުމެއް ހާމަކުރުމެވެ.
މި ލިއުމާއި ގުޅޭ