ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކާމިޔާބުކޮށްފިނަމަ ގައުމު ބަނގުރޫޓުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރޭ މާފަންނުގައި ބޭއްވި ކަންމަތި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަނީ "ފައިސާ ފޮތީގެދެފުށް އޮންނަކަން އެނގިގެން" ކަމަށާއި، "ފައިސާ ފޮތީގެ އެއްފުށް ފެންނަ ބަޔަކަށް" އިގްތިސާދު ނުދެމެހެއްޓޭނެ ކަމަށެވެ.
ދައުލަތް ހިންގުމަށް މި ސަރުކާރުން އެކި ފަރާތްތަކުގެ އަތުން ދަރަންޏަށް ފައިސާ ނަގާ ވާހަކަތައް ރިޕޯޓުކުރާތީ އެކަމަށް ރައްދުދެއްވައި ރައީސް ވިދާޅުވީ މި ސަރުކާރަށް ބޭރުގެ ކޮންމެ ފަރާތަކުން ވެސް ފައިސާ ލިބެނީ ހާރިޖީ ސިޔާސަތުގެ ވަރުގަދަ ކަމުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އެދުނީމާ ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަތިބި. މާލީ މުއައްސަސާތަކުން، މާލީ އިދާރާތަކުން ލޯނު އެ ދެނީ އެހެންވެގެން، އެ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އެބޭފުޅުންނަށް އޮތީމަ،" ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެނަމަ، އެ ދަންނަވާހެން މި ސަރުކާރު، މި ގައުމު ބަނގުރޫޓޫވެގެންދާތަން އަޅުގަނޑަށް ފެނޭ."
އެހެންކަމުން ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު ނުދީ، ރައީސް އެދިވަޑައިގަތީ މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ސަޕޯޓަރުން މަސައްކަތް ކޮށްދެއްވުމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުނުކުންނަ މީހުންގެ ވޯޓާއެކު ދެވަނަ ބުރު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވިއްޖެނަމަ، ނޫނިއްޔާ މިދެންނެވިހެން ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެނަމަ އަޅުގަނޑުމެން އެނބުރި ގޮސް މި ރާއްޖެ ވެއްޓޭ އަނދަވަޅު އަޅުގަނޑުމެން ކޮންމެ މީހަކު ވިސްނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ނުޖެހެން"
ވެރިކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވަނީ އެފަދަ މައްސަލައެއް އޮތްނަމަ އޭސީސީއަށް ހުށަހެޅުމަށް ވެސް ރޭ އެދިފަ އެވެ.
"ތިޔަބޭފުޅުންނަށް އަޅުގަނޑު މިރޭ ވެސް ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދު ވެސް ބައްލަވަންވީ، މިއަދުވެސް ބައްލަވަންވީ އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭގައި ތުހުމަތުކުރާނެ ކަމެއްވެސް ނޯންނާނެކަން،" ރައީސް ވިދާޅުވި އެވެ.
އޭސީސީއާ ތަންތަަނަށް ހުށަހަޅުއްވާ ކަމެއް އޮވެއްޖެއްޔާ. އަޅުގަނޑުމެންގެ ތެރެއަކު ނޯންނާނެ."