ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނާތީ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނުފެށުނެވެ.
މިއަދު ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީސް ހުއްޓުވާފައި ބާއްވަނީ ރައީސް އިބްރާހީމް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ތަޅުމުގައި ތިއްބެެވީ 17 މެމްބަރުންނެވެ.
ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކުޑަ ދަށުގައި އެހެން މެމްބަރުން ތިއްބެވިކަން ފާހަގަ ކުރައްވާފައެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްްޗަށް ނަންގަވާ، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓުވާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފްކޮށް ދަންނަވަން.". ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު ތާވަލުކޮށްފައި އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީށް އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ގަރާރުގެ އިބްތިދާއީ ބަހުސާއި ހުޅުދޫ ދާއިރާގެ މެމްބަރު އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަ ކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބު ހުށަހެޅުއްވި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރުމެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވަނީ ބެލެވޭ ގޮތުގައި ސަރުކާރު ޒިންމާދާރު ވިޔަނުދިނުމަށެވެ.