އޮޓާވާ (ސެޕްޓެމްބަރު 18) - މިދިޔަ ޖޫން މަހު ބްރިޓިޝް ކޮލަމްބިއާގައި، މަރާލި ސިކް ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާ ސަރުކާރުގެ އެޖެންޓުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކެނެޑާއިން ބުނެފި އެވެ. ކެނެޑާއިން ވަކިވެ މިނިވަން ގައުމަކަށް ވަކާލާތު ކުރާ ސިކް ޖަމާޢަތުގެ މުޒާހަރާގެ ބައިވެރިންނާ މެދު ފިޔަވަޅު ނޭޅުމުގެ ސަބަބުން ދެ އިންޑިއާއާއި ކެނެޑާ އާ ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިކް ޓެމްޕަލެއްގެ ބޭރުގައި ހަރްދީޕް ސިންގް ނިއްޖާރު މަރާލާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. ނިއްޖާރަކީ ޚާލިސްތާން ނަމަކަށް ކިޔާ ސިކް އަމިއްލަ ގައުމަކަށް ވަކާލާތު ކުރާ މީހެއް ކަމަށްވާއިރު، އޭނާ އަކީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން "ޓެރަރިސްޓެއް" ގެ ގޮތުގައި ކަނޑައަޅާފައިވާ މީހެކެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ކެނެޑާގެ ރައްޔިތަކު މަރާލުމުގައި ބޭރުގެ އެއްވެސް ސަރުކާރަކުން ބައިވެރިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، މިއީ "އަޅުގަނޑުމެންގެ ސިޔާދަތަށް އަރައިގަތުން ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފައެވެ.
ޓްރޫޑޯ ވިދާޅުވީ ކެނެޑާގެ ސަލާމަތީ އިދާރާތަކުން ނިއްޖާރުގެ މަރުގެ މައްސަލާގައި އިންޑިއާ ސަރުކާރުގެ އެޖެންޓުންނާ ގުޅުވައިގެން އިތުބާރު ކުރެވޭ ތުހުމަތުތައް އަމަލީ ގޮތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ކަންބޮޑުވުންތައް އިންޑިއާގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ އޮފިޝަލުންނަށް އަންގާފައިވާއިރު ޓްރޫޑޯ ވަނީ ދާދި ފަހުން ބޭއްވި ޖީ20 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އަމިއްލައަށް މަޝްވަރާ ކުރައްވާފައެވެ.
އޮޓާވާގައި ހުންނަ އިންޑިއާ ހައި ކޮމިޝަން (އެމްބަސީ) އިން މި ތުހުމަތުތަކަށް މިހާތަނަށް ޖަވާބެއް ދީފައި ނުވާއިރު، އިންޑިއާއާ ދެކޮޅަށް އެގައުމުގެ ބޯޑަރު ސަރަހައްދުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ނިއު ދިއްލީން މީގެ ކުރިން ވަނީ ކެނެޑާއަށް ވަރުގަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
އިންޑިއާ ދަރިކޮޅުގެ ބޭރުގައުމުތަކުގެ އެންމެ ބޮޑު އެއް ކޮމިއުނިޓީ އޮންނަ ކެނެޑާގެ އާބާދީގެ 40 މިލިއަން މީހުންގެ ތެރޭގައި ގާތްގަނޑަކަށް 1.4 މިލިއަން މީހުން ހިމެނޭ ކެނެޑާއިން ވަނީ އިންޑިއާއާއެކު ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލާފައެވެ. 2022 ވަނަ އަހަރު ބައިލެޓަރަލް ވިޔަފާރީގެ އަދަދު 13.7 ބިލިއަން ޑޮލަރަށް އަރާއިރު މިއީ ކެނެޑާގެ ޖުމްލަ ވިޔަފާރީގެ ކުޑަ މިންވަރެކެވެ.
މި ހައި ޕްރޮފައިލް މަރުގެ މައްސަލާގައި އިންޑިއާގެ ބައިވެރިވުމާ މެދު ކެނެޑާއިން ޝައްކު އުފެދުމުން ބައިނަލްއަގުވާމީ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.