ލ.ގަމުގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާ އެރަށުގެ އެމްޑީޕީ މެމްބަރުންވެސް ބޮއިކޮޓުކޮށްފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އިސްވެ ހުންނަވައި އެރަށުގައި ބޭއްވި ޖަލްސާއަށް 100 މީހުންވެސް ނުދެއެވެ. ލ.ގަމަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެތެރޭގައި ހިމެނޭ ރަށެކެވެ. ގަމު ދާއިރާގެ މިހާރުގެ މެމްބަރަކީ ވިސާމްއެވެ. އަދި އޭގެ ކުރިން އެއީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލްގެ ދާއިރާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާގެ ރައްޔިތުން މިރޭގެ ޖަލްސާއަށް ނުދިޔައީ, ރައީސް އިބްރާހީމަށް އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ނަތީޖާ އާއި އެކު ދެވަނަ ބުރުން ކާމިޔާބު ލިބޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތުމުން, ދެން އެމަނިކުފާނަށް ސަޕޯޓުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށެވެ.
ރަށުގަ ތިބި ގިނަ އެމްޑީޕީ ސަޕޯޓަރުންނަކީވެސް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމުގެ ސަބަބުން އެމްޑީޕީއަށް ސަޕޯޓު ކުރާ މީހުން ކަމަށްވާތީ, ދެން އެމްޑީޕީއަށް ސަޕޯޓު ނުކުރިއަސް ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ލިބިފައިވާތީ އެމްޑީޕީގެ ޖަލްސާތަކަށް އެމީހުން ނުދާން ނިންމީކަމަށް މައުލޫމާތު ލިބެއެވެ.
މިރޭގެ ޖަލްސާގައި މީހުން މަދުވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް އެކަން ފާހަގަކުރަމުންނެވެ. ރައީސް އިބްރާހީމް މާލޭގައި ބާއްވާ ޖަލްސާތަކަށްވެސް މިހާރު ދަނީ ވަރަށް މަދު ބައެކެވެ. މާލޭގެ އެކި ހިސާބުތަކުގައި ކަންމަތީ ޖަލްސާތައް ބާއްވާއިރު ހުރިހާ ޖަލްސާއަކަށް ދަނީ ހަމައެއް ބައެކެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލ.ގަމުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުން ޑރ.މުއިއްޒު 1168 ވޯޓު ހޯއްދެވިއިރު ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 1017 ވޯޓެވެ.