ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) ގަދަ ނިދީގައި އޮވެފައި ފަސްޓްލޭޑީއާ ޖެހުނު ހިސާބުން ހޭލެވުނީމާ މިނިވަންކަން އޮތް ހިސާބު ފެންނަ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
އިއްޔެ ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކެމްޕެއިން ކުރުމަށް ވަޑައިގެންނެވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެކަމަނާއާއި އަދި މި ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑު އުފުލައިފައެވެ.
އެކަމަނާ އަކީ ބާގީއެއްގެ ދަރިއެއް ކަމަށާއި ދޭނެ ވޯޓެއް ނެތް ކަމަށް ބުނެ ޝުއޫރު ފާޅު ކުރަމުން ގެންދިޔައެވެ. އަދި ފްލެޓް ލިބުނު މީހުން ހާލުގައި ޖެއްސީ މިސަރުކާރުން ކަމަށް ވެސް އެމީހުން ވަނީ ގޮވައިފައެވެ.
އެކަމާއި ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އިންތިޚާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
އެޓްވީޓަށް ރައްދު ދެއްވައި ސިރާޖް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިކެމްޕޭނު ތެރޭގައި އިދިކޮޅުން ރަށްރަށުގައި ދަމާފައި ހުރި ބެނާތައް ފުލުހުން ނަގައި، ކޯޓު އަމުރެއް ނެތި މީހުންގެ ގޭގެއަށް ވަދެ މީހުންގެ މުދާ އަތުލައި، ހައްޔަރުކޮށް އަނިޔާދިން އިރު އެޗްއާރްސީއެމް ގަދަ ނިދީގައި އޮވެފައި ފަސްޓްލޭޑީއާ ޖެހުނު ހިސާބުން ހޭލެވުނީމާ އެޗްއާރްސީއެމްގެ މިނިވަންކަން އޮތް ހިސާބު ފެނިގެންދާ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހިމް ރަށް ރަށަށް ކެމްޕެއިން އަށް ވަޑައިގަންނަވާތީ އިދިކޮޅު ކޯލިޝަންގެ ދިދަތަކާއި ބެނާ ފަދަ ތަކެތި ފުލުހުން ލައްވައި ސަރުކާރުން ވަނީ ނަގައިފައެވެ.
އަދި ރައްޔިތުން އެމީހުންގެ ހުރި ކަންބޮޑުވުން ރައީސް އަށް އަޑުއިއްވަން ނިކުތް ކޮންމެ ފަހަރަކު އާންމު ރައްޔިތުންނަށް ފުލުހުން ނެރެގެން އެތައް އަނިޔާތަކެއް ކޮށްފައިވާ ކަން މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.