މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން(އީޔޫ.އީ.އޯ.އެމް) އާ ހިއްސާކޮށްފި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ.އީ.އޯ.އެމްގެ ޕޮލިޓިކަލް އެންޑް ކެމްޕޭން ފައިނޭންސް އެނަލިސްޓް މައިކަލް ލިޑައުއާ އަދި ޑެޕިއުޓީ ޗީފް އޮބްޒާވަރ އޭން މާލްބަރޯއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެޓްވީޓުގައި ހިއްސާ ކުރައްވާފައި ނުވެއެވެ.
އީޔޫ.އީ.އޯ.އެމް އާ އިދިކޮޅުން ބައްދަލު ކުރައްވާފައި މިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރުން ވޯޓު އޮޅުވާލަން މިސައްކަތްތަކެއް ކުރަމުންގެންދާ ކަމުގެ އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ބައެއް މީހުން ވޯޓުލާތަން ބަދަލުކޮށް އެމީހުންނަށް ވޯޓު ނުލެވޭނެހެން އެކިތަންތަނަށް އެމީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ބައެއް ހެކި ހުރިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ފަންސަވީސް ހާހަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރަށް ލިބުނު ފިނި ތަރުހީބާއި ގުޅިގެން ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންގެންދާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.