މާލެ ސިޓީ ކައުންސިލުގެ އެއްލައްކަ ގަސް ޕްރޮގްރާމް ދަށުން ހުޅުމާލޭގައި ގަސް ނާސަރީއެއް މިއަދު ހުޅުވައިފިއެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އެ ނާސަރީ ހުޅުއްވައި ދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
އެރަސްމިއްޔާތަށް ފަހު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔައީ ރާއްޖޭގައި ހުރި މިފަދަ އެންމެ ބޮޑު ނާސަރީ ކަމަށެވެ.
އެނާސަރީއިން އެކި ގޭގެ ޒީނަތްތެރި ކުރުމަށް އެކި ވައްތަރުގެ ގަސް ލިބެން ހުންނާނެ ކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ކަދުރު ރުއް، ފޭރު، މިރުސް އަދި އަނބުގަސް ވެސް ލިބެން ހުންނާނެ ކަމަށެވެ.
އެ ނާސަރީގައި ހަދާފައިވާ "ބަޓަފްލައި ގާޑަން" ގައި ހަތަރު ވައްތަރެއްގެ އެއްހާސް ކޮކާ ދުވަސްކޮޅަކުން އުޅޭނެ ކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ރަށް ރަށުގެ ބަނދަރު މަތީގައި ކަދުރު ރުށް އިންދަން ބޭނުވާ ރަށް ރަށަށް ވެސް އެފުރުސަތު އެ ނާސަރީއިން ފަހިކޮށްދީފައިވާ ކަމަށެވެ.