ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާމެދު ޑިމޮކްރެޓްސް ޕާޓީއިން މިރޭ ގޮތެއް ނިންމުމަށް ހަމަޖައްސައިފިއެވެ.
ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން މިރޭ ބާއްވާ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރާ މެދު ނިންމުމެއް ނިންމައި އެކަން އިއުލާނު ކުރާނެކަމަށެވެ. އެ ބައްދަލުވުން ބާއްވާނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި މިރޭ 9:00 ގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އާންމުންނަށް ހުޅުވާލައިގެންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއިގުޅިގެން ޑިމޮކްރެޓްސްއިން މިރޭ ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު އެ ޕާޓީން ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރަށް ދިޔަ ދެ ޕާޓީއަށް ވެސް ހުށަހަޅައިފައެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކުރިޔަށް ދާން ބޭނުން ނުވާކަމަށް ބުނެފައެވެ. އެހެންވެ އެ މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީއާއެކުގައެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާމެދު ގޮތް ނިންމުމަށް ޑިމޮކްރެޓްސްއިން މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ އެމްޑީޕީ ފަހަތަށް އެރުމަށް ދެކޮޅު ހަދައިފައެވެ.