Friday 24th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރިޔާސީ އިންތިހާބާއި ގުޅިގެންވެސް ސީމަނުންގެ އާދޭސްތަކަށް ރައީސް އަޅައެއް ނުލެއްވި!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވެސް ސަރުކާރު ހިންގާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ސީމަނުން ކުރަމުން އަންނަ އާދޭސްތަކަށް އަޅާ ނުލައްވާކަން އެނގިއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ދެ ލިޔުންކަމަށްވާ ސީޑީސީ އަދި ސީފެއަރާރސް އައިޑެންޓިޓީ ޑޮކިއުމެންޓް ނުވަތަ އެސްއައިޑީ ސީމަނުންނަށް ނުލިބުމުގެ ސަބަބުން ދިވެހި ސީމަނުންނަށް އެމީހުންގެ ވަޒީފާތައް ގެއްލި އާމްދަނީ ލިބޭނެ މަގުތައް ބަންދުވާން ފަށާ ނިކަމެތިވަމުންދާކަމުގެ ކަންބޮޑުވުން އެމީހުންގެ ފަރާތުން މީގެ ކުރިންވެސް ވަނީ ފާޅުކޮށްފައެވެ.

އެގޮތުން 2018 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުގައި ސީމަނުންނަށް ދޫކުރަންޖެހޭ އެ އައިޑީ ކާޑު ހަދައި ދިނުމަށް އެދި ސީމަނުން ސަރުކާރުގައި އާދޭސްކުރަމުން އަންނައިރުވެސް މިއަދާހަމައަށްވެސް ހައްލެއް ހޯދައިދީފައި ނުވާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

"ވޭތުވެދިޔަ 6 މަސް ދުވަހު ސަރުކާރުން ބުނަމުން އަންނަނީ މާދަމާ މާދަމާ މި އައިޑީ ކާޑު ދޭނެ ކަމަށް. އެކަމަކު މިއަދާ ހަމައަށް އައިއިރު އެކަން ނުކޮށްދިނުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި މަސައްކަތް ކުރާ ދިވެހި 300 އެއްހާ ސީމަނުން އެތިބީ ވަޒީފާއަށް ނުދެވި ރާއްޖޭގައި ތާށިވެފައި. މިހާރު ރާއްޖެއިން ބޭރުގައި ބޯޓުފަހަރުގައި އުޅޭ ސީމަނުން ރާއްޖެ އައިސްފިނަމަ އަނބުރާ ބޯޓަށް ނުދެވޭނެ" ސީމަނުން ބުނެފައިވެއެވެ.

ބޭރުގެ ކުންފުނިތަކުން އެ ކާޑު ނެތުމުގެ ސަބަބުން ސީމަނުން އަނބުރާ ރާއްޖެ ފޮނުވަމުން އަންނަކަން ފާހަގަކޮށް ސީމަނުން ބުނީ އެ ކާޑު ނެތި ބޯޓުގައި ސީމަނަކު ބައެއް ގައުމުތަކަށް ދިއުމުން 30،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަމުން އަންނަކަމަށެވެ.
ސީމަނުން ބުނީ އެމީހުން މިކަމާ ގުޅިގެން ރައީސް އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި އިމިގްރޭޝަން ގައި އާދެސް ކުރުމަކުން ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ.

"އެއް މުއައްސަސާ އަކުން އަނެއް މުއައްސަސާ އެއްގެ ބޮލުގައި އަޅުވަނީ. މިނިސްޓަރުން ނިދާ ހޭލާ ކަމަކަށް ނުވޭ. ރައީސް އޮފީހަށް ކުރެވުނު ކަމެއް ނެތް. ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އެމިނިސްޓްރީން ބުނީ. އިމިގްރޭޝަނުން ޖަވާބެއް ލިބޭ ކަމަކަށް ނުވޭ. މަޖިލިސް މެމްބަރުން ސޮރީ." ސީމަނުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސީޑީސީ އަދި ސީފެއަރާރސް އައިޑެންޓިޓީ ޑޮކިއުމެންޓް ނުވަތަ އެސްއައިޑީއަކީ ގިނަވެގެން 3 މަސް ދުވަހުގެ ތެރޭގައި ހެއްދޭނެ ކާޑެކެވެ.
ސީމަނުން ބުނީ 3 މަސް ދުވަހުގެ ތެރޭގައި އެ ކާޑު ހެއްދުމުގެ މަސައްކަތް ކުރެވޭނީ އެކަމުގެ ވައްޓަފާޅި އެނގޭ ގާބިލް ބަޔަކު ޓްރާންސްޕޯޓް މިނިސްޓްރީ ގައި ތިބެގެން އަދި އިމިގްރޭޝަން އިންވެސް އެ މަސައްކަތުގައި އެއްބާރުލުން ދީގެންކަމަށެވެ. އަދި އިމިގްރޭޝަނުން އެއްބާރުލުން ނުދީފިނަމަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް އެކަން ކުރެވޭނެކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނެފައިވެއެވެ.

"ދިވެހި ސީމަނުން ތިބީ މިކަން ކޮށްދިން ނުވަތަ ކޮށްދޭނެ ކަމަށް ބުނާ ސަރުކާރަކަށް ވޯޓް ދޭން ތައްޔާރަށް. ސެޕްޓެމްބަރ 9 ގެ ފަހުން އަންނަ ސަރުކާރަކުންވެސް މިކަން ކޮށްދޭނެ ކަމަށް ވަޢުދު ވެއްޖެ ނަމަ 300 ސީމަނުންނާ އެމީހުންގެ އާއިލާތަކުން އެ ބަޔަކަށް ވޯޓް ދޭން ތިބީ ތައްޔާރަށް" ސީމަނުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ