Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރިސޯޓުތަކުން ނުދައްކާހުރި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ މާފުކޮށްފި!

ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ބައެއް ރިސޯޓުތަކާއި ހަދަމުންދާ ބައެއް ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރެގެން އަރާފައިވާ ޖޫރިމަނާތައް ރައީސް އިބްރާހީމްގެ އެންގުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން މާފުކޮށްފިއެވެ.

މިގޮތުން ޖޫރިމަނާ މާފުކޮށްފައިވަނީ މިވަގުތު ހިންގަމުންދާ 13 ރިސޯޓަކުންނާއި, ހަދަމުންދާ 10 ރިސޯޓަކުންނާއި, ރިސޯޓު ހެދުމުގެ އެއްބަސްވުންތައް ބާތިލު ކުރެވިފައިވާ 13 ރަށަކުންނެވެ. މިހުރިހާތަނަކުން މާފުކޮށްފައިވާ ޖުމްލަ ޖޫރިމަނާގެ އަދަދު 4 ބިލިއަނަށްވުރެ އިތުރެވެ.

ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޔޮޓް ޓުއަރސްއިންނެވެ. އެ ކުންފުނިން 47 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ދެން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ކުންފުނި 3 އޭގެ ރިސޯޓުތަކުންނެވެ. ޖުމްލަ 11.3 މިލިއަން ޑޮލަރު (175 މިލިއަން ރުފިޔާ) އެ ކުންފުނީގެ ރިސޯޓުތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެއެވެ.

މިނިސްޓަރު އަލީ ޝިޔާމްގެ ކުންފުނިތަކުން ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް 500 މިލިއަނެއްހާ ރުފިޔާ ނުދައްކާ ހުއްޓެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހިފެހެއްޓުމަކީ މިނިސްޓަރު ޝިޔާމްގެ އާއިލީ ކުންފުނިތަކުން ހިންގާ ރިސޯޓުތަކުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަމަށްވެއެވެ. މިގޮތުން ދައުލަތުގެ ޓެކްސް އިދާރާ އިން ހަމައެކަނި އޭ.އޭ.އޭ ކުންފުންޏާއި ދެކޮޅަށްވެސް ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިގެން މިހާތަނަށް 6 ދައުވާކޮށްފައި އެބައޮތެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ކުންފުންޏާއި ދެކޮޅަށް 3 މިލިއަން ޑޮލަރު ހޯދަން މީރާއިން ހުށަހެޅި މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. މިގޮތަށް ކަންތައް ކޮށްފައިވަނީ ރައީސް އޮފީހުން ކުއްޔާއި ޖޫރިމަނާދެއްކުން ފަސްކޮށްދިނުމުން ކަމަށް ބެލެވެއެވެ.

މިނިސްޓަރު އަލީ ޝިޔާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސް އިބްރާހީމްގެ އަނބިކަނބަލުން ފަޒްނާގެ ކޮއްކޮއަކާއެވެ.

މި ލިއުމާއި ގުޅޭ