މީގެ 11 އަހަރު ކުރިން 2012 އިން ފެށިގެން މިއަދާ ހިސާބަށް އާއިލާ އާއެކު ތަހަންމަލް ކުރަމުން ދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އޭރުއްސުރެ ކުރަމުން ގެންދިޔަ ފުރައްސާރަކަމަށް ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އިހުސާން މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މެޑަމް ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން އެކަމަނާއާ ދިމާލަށް "ބާޣީ" އޭ ގޮވުމުން އެކަމާއި ނުރުހުންވެ އެކަމަނާ ފޭސްބުކުގައި ލިޔުއްވި ދިގު ޕޯސްޓަކަށް ރައްދު ދެއްވާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ކެޕްޓަން އިހުސާން ވިދާޅުވީ އެއްވެސް މީހަކާ ދިމާލަށް ބާޣީއަށް ގޮވުމަކީ އެމީހަކަށް ވެސް އަދި އެމީހެއްގެ އާއިލާއަށްވެސް ތަހަންމަލްކުރަން ފަސޭހަވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ތަހުޒީބު މުޖުތަމައުއެއްގައި ކަން ކުރަންވާނެ ގޮތެއް ވެސް ނޫން ކަމަށެވެ.
އަދި 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އޭނާ އާއި އާއިލާ ތަހަންމަލް ކުރަމުން ދަނީ ރައީސް އިބްރާހީމް އާއި މެޑަމް ފަޒުނާ އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ ކުރަމުން އަންނަ ފުރައްސާރަކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.
"2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ، ތަހަންމަލް ކުރަމުން މިދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ފަސްޓް ލޭޑީ އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ އަޅުގަނޑުމެންނަށް ކުރަމުން އަންނަ ފުރައްސާރަ." ކެޕްޓަން އިހްސާން ލިޔުއްވާފައިވެއެވެ.
އެގޮތުން މީސް މީޑިއާގަޔާއި އަނބި ދަރިން ގޮވައިގެން އާއްމު ތަންތަނުގައި އުޅެނިކޮށްވެސް އޭނާ އާ ދިމާއަށް "ބާޣީ" އޭ ގޮވަމުން އަންނަތާ މިހާރު 11 އަހަރުވެފައިވާ ކަމަށާއި އެއީ ދިވެހި ކޮންމެ ސިފައިންގެ މީހަކާއި، ފުލުހެއް އަދި އެމީހުންގެ އާއިލާވެސް ތަހަންމަލް ކުރަމުންދާ ކަންކަން ކަމަށް އިހްސާން ވިދާޅުވެފައިވެއެވެ.
އެކަން ފާހަގަކުރައްވާ ކެޕްޓަން އިހުސާން ވިދާޅުވީ ފަޒުނާ ބާޣީއަކަށް ނުވާ ގޮތަށް ޔުނީފޯމު އެޅި ސިފައިންނާ ފުލުހުންވެސް ބާޣީންނަށް ނުވާނެ ކަމަށެވެ.