ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2015 ވަނަ އަހަރު އިއުލާނު ކުރި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމަށްޓަކައި ހަދާފައިވާ ގާނޫނު ތަންފީޒުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ށ، ފުނަދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީންގެ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަރަށް މުހިއްމު ގާނޫނެއް ފާސްކޮށްފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އެފަދަ ޒޯނެއް ރާއްޖޭގައި ތަރައްގީކުރުމަށް ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެނެވިފައި ނުވާކަމަށާއި އެކަން ކުރެވޭނެ ގޮތް އެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންވެ އެފަދަ ގާނޫނެއް ތަންފީޒުކޮށް އެ ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށާއި އެފަދަ ޒޯނުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅާނީ ސްޓްރެޓެޖިކްކޮށް ޕްލޭން ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.