ސިޔާސީ ގޮތުން ރައްދު ދިނުމުގައި އަނެއްމީހާގެ ފެންވަރަށް ނުވެއްޓުމަށް ޕީއެންސީ/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ށ.ފުނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރޭ މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު އަބަދުވެސް ވާންވާނީ ރައްޔިތުންނަށް ނަމޫނާ ދައްކާ، ރީތި މިސާލު ދައްކާ ބަޔަކަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ތަފާތު ގިނަ ކަންތައްތަކާއި ދިމާވާނެ ކަމަށާއި ހިތްހަމަނުޖެހޭ ކަންތައްތައް ކުރާ ފަރާތްތަކާވެސް ދިމާވާނެ ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ވާންވާނީ ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަންތައްކުރާ މީހުންގެ ލެވެލަށް ނުވެއްޓި މަސައްކަތައިގެން ކުރިޔަށް ދިޔުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ، އަޅުގަނޑުމެންނާ ދިމާލަށް އެއްޗެއް ބުނީ ނޫނީއްޔާ ރުޅި އަންނަ ކަމެއް ކުރީ، އެހެން ނަމަވެސް އަޅުގަނޑުމެން ވެގެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިޔާސީ ދާއިރާގައި އުޅޭމީހުންނަކީ މުޖުތަމައުގެ ތެރޭގައި ދިމާވާ ކަންކަމުގައި އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި މިސާލު ދައްކަން ވާނީ އެއަށް ވުރެ ރީތިކޮށް ކަމަށާއި މި އާދަ މުޖުތަމައުގެ ތެރޭގައި އަށަގަންނުވަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
"މިސާލު ދައްކަންވާނީ އެއަށްވިރެ ރީތިކޮށް. މިއާދަ މުޖުތަމައުގައި އަށަގަނެގެން ނޫނީ އަޅުގަނޑުމެންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ." މުއިއްޒު ވިދާޅުވިއެވެ.
ފުނަދޫ ރައްޔިތުން އަރިހުން މުއިއްޒު އެދުނީ ހަމަޖެހޭ މިނިވަން މުޖުތަމައުއެއް ޤާއިމުކުރަން ބޭނުންވާ ނަމަ އޭނާއަށް އިތުބާރުކޮށް އިންތިހާބުގެ ދެވަނަ ބުރުގައި ހޮވައިދެއްވުމަށެވެ.