ޔަހޫދީންގެ އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގައި ހިނގި ހަމަނުޖެހުން ތަކެއްގައި ފަލަސްޠީނުގެ ބަޔަކަށް އިސްރާއީލު ސިފައިން ހަމަލާދީފިއެވެ.
އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް ކޮމްޕައުންޑަށް ވަންނަ މައި އެއް ދޮރު ކަމަށްވާ ބާބް އަސްސިލްސިލާގައި ތިބި ފަލަސްތީނުގެ މީހުންނަށް އިސްރާއީލު ސިފައިން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޔަހޫދީންގެ އާ އަހަރު ކަމުގައިވާ ރޯޝް ހަޝާނާ ފާހަގަ ކުރުމަށް އިސްރާއީލުގެ ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގެންފައިވަނީ އިސްރާއިލްގެ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެވަގުތު މިސްކިތުގައި ތިބި ފަލަސްތީނު މީހުން ގަދަކަމުން އިސްރާއިލް ސިފައިން ވަނީ ނެރެފައެވެ. ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އުމުރުން 50 އަހަރުން ދަށުގެ ފަލަސްތީނުގެ އެއްވެސް މީހަކަށް މިސްކިތަށް ވަނުމުގެ ފުރުޞަތު ނުދިނުމުގެ ސަބަބުންނެވެ.
ރޯޝް ހަޝާނާގެ އުފަލުގައި އިސްރާއީލު ސިފައިންގެ ހިމާޔަތުގެ ދަށުން މޮރޮކޯ ގޭޓުން އަލްއަޤްޞާ ގޯތިތެރެއަށް އެތައް ސަތޭކަ އަލްޓްރާނޭޝަނަލިސްޓް އިސްރާއީލު މީހުން ވަދެފައިވާ ކަމަށް ޚަބަރުފަތުރާ ނޫހެއް ކަމަށްވާ އަލް މަޔާދީން ބުނެއެވެ.
ޖެރޫސަލަމް އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ބުނީ ވަޒަންވެރީން އައުމުގެ ކުރިން އެ ކޮމްޕައުންޑް ހުސްކުރުމުގެ މަސައްކަތް އަސްކަރިއްޔާއިން ކުރަމުން އައި ކަމަށެވެ.
އިސްރާއީލުގެ ވަޒަންވެރި ޖަމާއަތްތަކުން ގޮވަމުން ދިޔައީ ޔަހޫދީން ޓެމްޕަލް މައުންޓްގެ ނަމުން ނަންދީފައިވާ ރޯޝް ހަޝާނާ ފާހަގަކުރުމުގެ ގޮތުން އެ ތަނަށް ހުއްޓުމެއް ނެތި ވަނުމަށެވެ.