Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

ފަޒްނާއަށް "ބާޣީ" އަށް ގޮވީ 3 ނޮވެމްބަރުގެ ޝަހީދެއްގެ ދަރިއެއް: ހިތްފަޅައިގެންދާ ކަހަލަ ވާހަކަތަކެއް!

މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް އިބްރާހީމްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ދިޔުމުން, ފަޒުނާއާއި ދިމާލަށް "ބާޢީ" އަށް ގޮވައި މީހަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަޒުނާވަނީ އެކަމަނާއަށް 2 ފިރިހެނަކު ފުރައްސާރަ ކުރީ ކަމަށާއި އެއީ އިދިކޮޅު އެކްޓިވިސްޓުންތަކެއް ކަމަށް ބުނެ އިތުރުފުޅު ހައްދަވާފައެވެ. ފަޒުނާ މިއަދު އެ ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް ބާޣީއަށް ގޮވި ފަރާތާއި, ކޮަމަނާރސް ފްރެންޑްޝިޕް އެސޯސިއޭޝަނުގެ ފަރާތުން ވަނީ އިންޓަވިއުކޮށްފައެވެ. އެމީހަކި އަހުމަދު އިރުބާލްއެވެ.

އިރުބާލް އަކީ 1988 ވަނަ އަހަރު ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް އަޑީގައި ހުރެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި މީހެއްގެ ދަރިއެކެވެ. މިއަދު ހިނގާ ދިޔަ ހާދިސާ އަދި މީގެ 35 އަހަރުކުރިން އިރުބާލްގެ ލޯކުރިމަތިން ބައްޕަ ޝަހީދުވި ހާދިސާ އިރުބާލް ވަނީ ވަރަށް އަސަރާއި އެކު ކިޔާދީފައެވެ.

"އަޅުގަނޑުގެ ބައްޕަ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު... ފަޒުނާގެ ބައްޕަ އިސްވެ ހުރެ ބަޣާވާތެއްކޮށްގެން އަޅުގަނޑުގެ ބައްޕަ މަރާލާފައިވަނީ.. ޝަހީދުކޮށްލާފައިވަނީ.. އޭނަ [ފަޒުނާ] ފެނުނީމަ ހަމަ އަޅުގަނޑު ޖަޒުބާތުގަ ޖެހި ގޮވުނީ" ފަޒުނާއަށް ބާޣީ ފަޒުނާ އޭ ކިޔާ ގޮވުނު ސަބަބު ފެންކަޅިވެފަ ހުރެގެން އިރުބާލް ކިޔާދިނެވެ.

އިރުބާލްގެ ބައްޕައަކީ ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވެ 19 ދިވެހިންގެ ތެރޭގައި ހިމެނޭ އަބްދުއްސައްތާރު އާދަމެވެ. އަބްދުއްސައްތާތަކީ އެދުވަހު ބާޣީން ރަހީނުކޮށްގެން ގެންދިޔަ އާންމުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

"އަޅުގަނޑަށް ފަޒުނާ ފެނުނީވެސް އަޅުގަނޑުގެ ދަރިއަކު ހެދިކާ ގެނެސްދޭށޭ ބުނީމަ, ހެދިކާ ގަންނަން ގޮސްފަ އެ ހިފައިގެން އަންނަނިކޮށް ފެނުނީ. ފެނިގެން ދެން އަޅުގަނޑު އެގޮތަށް ގޮވަން ފެށީ" އިރުބާލު ބުންޏެވެ.

އިތުރަށް އިރުބާލު ބުނިގޮތުގައި ބައްޕައެއްގެ ކުށަކަށް ޒިންމާވާން ދަރިއަކު ނުޖެހޭނެކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް ޖަޒުބާތުގައި ޖެހުނީ ކަމަށެވެ. އަދި ފަޒުނާ ފެނުމުން ބައްޕަ މަތިން ހަނދާން ވަނީ ކަމަށާއި ބައްޕަ ޝަހީދުވި މަންޒަރު ލޮލަށް ފެނުނުކަމަށް އިރުބާލް ބުންޏެވެ.

"ބަޑިޖަހާ މަރާ ކަނޑަށް އެއްލާލީ.." އަސަރާއި އެކު އިރުބާލް ކިޔާދިނެވެ. އަދި އެ މަންޒަރު އޭނައަށް ފެނުނުކަމަށް އިރުބާލް ބުންޏެވެ. އިރުބާލްއަކީވެސް އެދުވަހު ރަހީނުކޮށްގެން ގެންދެވުނު މީހެކެވެ.

3 ނޮވެމްބަރު މައްސަލާގައި ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެއަށްފަހު ބައިޕާސްއެއް ހަދަން ލަންޑަނަށް ގޮސް އެފަހުން ރާއްޖެއައިސް ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.

އެ ހަމަލާގައި އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުނު ހ.ހާޖަރާގެ ލުތުފީ މީގެކުރިން ދިޔަރެސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭރު ރާއްޖެ އަރަން އައުމުގެ ކުރިން ސިއްކަވަނީ ދާގޮތަށް ގޮސް ރައީސް މައުމޫން އަވަހާރަކޮށްލަން ބުނެފައިކަމަށެވެ.
މި ލިއުމާއި ގުޅޭ