Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

ކުއްލިއަކަށް ގިނަ ބަޔަކު ރީރަޖިސްޓަރީވާން ހުށަހެޅުމުން ސުވާލު އުފެދޭ، ލިސްޓު އާންމުކުރޭ: ޑިމޮކްރެޓްސް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީރަޖިސްޓަރީކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލުމުން އާދަޔާ ޚިލާފަށް ގިނަ ބަޔަކު ރީރަޖިސްޓަރީވުމަށް ހުށަހެޅުމަކީ ސުވާލު އުފެދޭ ކަމެއްކަން ފާހަގަކޮށް، ވީހާވެސް އަވަކަށް ރީރަޖިސްޓަރީވާން ހުށަހެޅި މީހުންގެ ލިސްޓު އާންމުކުރަން ދަ ޑިމޮކްރެޓްސްއިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އަލުން ރީރަޖިސްޓަރީވުމަށް ހުޅުވައިލުމުން ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ މީހުން ރީރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅު އިއްތިހާދުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ވޯޓުލާ ގިނަ ބަޔަކު އެމީހުން ވޯޓުލާ ތަން ނޫން ތަންތަނަށް ރަޖިސްޓަރީކުރަމުންދާކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކުރެއެވެ.

މި މައްސަލާގައި ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ރީރަޖިސްޓަރޭޝަނަށް ހުޅުވައިލުމުން ތަރުހީބު ލިބުނު މިންވަރުގެ ކުޑަކަމުން އެއްފަހަރަށްވުރެ ގިނައިން ރީރަޖިސްޓަރޭޝަނުގެ މުއްދަތު އިލެކްޝަނުން އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތީ ސިއްސައިގެންދާހާ މަދު އަދަދެއްގެ މީހުން ކަމަށެވެ.

އެކަންކަމުގެ މައްޗަށް ބުރެވެ، އެ ޕާޓީން އީސީއަށް ގޮވާލާފައިވަނީ ރީރަޖިސްޓަރީވާން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރުކޮށް، ގަސްތުގައި ވޯޓުދިނުމުގެ ހައްގު ނަގައިލަން ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ނޫންކަން ޔަގީންކުރުމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއްދީ އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރީރަޖިސްޓަރީވާން ހުށަހެޅި ފަރާތްތަކުގެ ލިސްޓު އާންމުކުރުމަށްވެސް އެ ޕާޓީން ގޮވައިލިއެވެ.

އެ ޕާޓީން އިތުރަށް ބުނީ މިއިންތިޚާބުގައި ރައީސް އިބްރާހީމުގެ ކިބައިން ފެނުނީ ދައުލަތުގެ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި މަންޒަރު ކަމަށެވެ. އެކަން އީޔޫގެ އޮބްޒާވަރުންވެސް ފާހަގަކުރެއްވި ކަމަށެވެ. އަދި ދައުލަތުގެ މީޑިއާގެ މިނިވަންކަން ނެތުމާއި ރައީސް އިބްރާހީމު ނޫން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދައުލަތުގެ މީޑިއާއިން ދީފައިނުވުމާއި އެހެނިހެން މީޑިއާގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރާމެދު ކަންބޮޑުވުންތައް އީޔޫ މިޝަނުން ފާޅުކުރިކަމުގައިވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ މައްސަލަތައް އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާއި އެނޫން ތަހުގީގީ އިދާރާތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރުމާއެކު، އެންމެ ފަހުން ތިލަވި މިބާވަތުގެ މައްސަލައެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވޯޓު ގަންނާނެ ގޮތުގެ އިންތިޒާމުތަކާމެދު ދެއްވި އިރުޝާދުގެ ވާހަކައެވެ.

އިންތިޚާބުގެ މިނިވަންކަމާއި ސައްހަކަން ޔަގީންކުރުމާއެކު، މިއިންތިޚާބުގައި ވޯޓުލާން ތިބި މީހުންގެ ވޯޓުލުމުގެ ހައްގު ރައްކާތެރިކޮށްދިނުމަށް ދަ ޑިމޮކްރެޓްސްވަނީ އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ