ށ. ބިލެއްފަހީގައި އެއާޕޯޓެއް ތަރައްގީކޮށް އުމްރާނީ ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ޑރ. މުއިއްޒު މިފަދައިން ވައުދުވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އޭގެ ތެރޭގައި ކަނޑައެޅޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ގާއިމްކުރުމާއި ބައެއް އެއާޕޯޓުތަކަކީ އިންޓަނޭޝަނަލް އެއާޕޯޓަށް ހެދުމުގެ މަސައްކަތުގެ އިތުރުން ވަކި އަދަދަކަށް ޓޫރިޒަމް ގެނައުމާއި އިގްތިޞާދީ އެކި ސިނާއަތްތަކުގެ މަސައްކަތް ހިމެނޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެ ޑިވޮލޮޕްމަންޓް ޕްލޭންގެ ދަށުން މިރަށުގެ ފަޅު ތެރޭގައި އެއާޕޯޓު ހިމެނޭގޮތަށް އުމްރާނީ ތަރައްގީގެ އިގްތިޞާދީ ކުރިއެރުން ލިބޭ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ހިމެނޭ ކަމެއް" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޒައާމަތެއްގައި ބިލެއްފަހީގައި އެރަށުގެ ރައްޔިތުންގެ އުންމީދުކުރާ ގޮތަށް ކަންކަން ފަހިވެގެންދާނެކަމަށާއި އެ ރަށުގެ ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތަކާއި ނުފެށި ހުރި މަޝްރޫއު އިތުރުން ފަށާފައި ހުއްޓިފައި ހުރި މަޝްރޫއު އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށްޓަކައި ބާރަށް ކުރިއަށް ގެންގޮސް ނިންމައިލަދެއްވާނެކަމަށެވެ.