އުތުރުތިލަފަޅު ތަރައްޤީކުރުމާ ގުޅޭ ގޮތުން އިންޑިއާއާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ނޯންނާނެކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ގެނެސްދިން ޚަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފު ވިދާޅުވީ، މިއަދު ވެރިކަން ކުރަން ތިބި މީހުންނަށް، އެމްއޯޔޫއާއި ވޯކިން ޕްލޭނާއި އެއްބަސްވުމުގެ ތަފާތު ނޭނގުމަކީ ލަދުވެތި ކަމެއް ކަމުގައެވެ.
އަދި އެފަދަ ކަންކަމުގެ ތަފާތު ނޭނގި ތިބެ އެކި ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ބަޔާންތައް ނެރުމަކީ ޒިންމާދާރުކަމެއް ނެތް ކަމެއް ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ މިފަދައިން ވިދާޅުވީ އުތުރުތިލަފަޅު ތަރައްޤީކުރުން އިންޑިއާއާ ހަވާލުކުރަން ރައީސް ޔާމީނުގެ ވެރިކަމުގައި އެއްބަސްވުމެއް ހެދިކަމުގައި ބުނެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރުމާ ގުޅިގެންނެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އެއްބަސްވުމެއް ކަމުގައި ބުނެފައިވަނީ 2016 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެކުލަވައިލި ރާއްޖޭގެ އަސްކަރިއްޔާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމުގެ ލިސްޓަކަށެވެ. އެ ލިސްޓަކީ އެކްޝަން ޕްލޭނެއްގެ ގޮތުގައި އެކުލައިލި ލިސްޓެކެވެ. އެ ލިސްޓުގައި އުތުރުތިލަފަޅު ތަރައްޤީކުރުން އޮތެވެ.
"އަދި އިންޑިއާއާއެކު ވާހަކަ ދެކެވެމުން ދިޔަ ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށްޓަކައި ކޮންކަހަލަ ގޮތަކަށްތޯ މަސައްކަތް ކުރެވޭނީ. އެގޮތުން ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ތައްޔާރުކުރެއްވި ކުރަން ހުރި ކަންތައްތަކުގެ ލިސްޓެއް. އެއީކީ އެގްރިމަންޓެއް ނޫން. މީގަ އެންމެ ސާބިތު ހެއްކެއްގެ ގޮތުގައި ދެއްކެން އޮންނާނީ އެ ބޭފުޅުންނަށް ނުދެއްކެވޭ ހެއްކެއް ރައީސް ޔާމީން ނުވަތަ ދިވެހި ސަރުކާރުން ޔޫޓީއެފް ނުވަތަ އުތުރު ތިލަފަޅު ތަރައްގީ ކުރުމަށްޓަކައި އެކުލަވާލި އެއްބަސްވުމެއް ނުދެއްކޭނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
އިތުރަށް އާދަމް ޝަރީފު ވިދާޅުވީ އިންޑިއާއާއެކު އުތުރުތިލަފަޅުގެ މަސައްކަތް ނުކުރުމަށް ނިންމަވައި ރައީސް ޔާމީނުގެ ވިސްނުންފުޅު އޮތީ ދިވެހި ދައުލަތުން ސިފްކޯއާ ހަވާލުކޮށްގެން މަހާޖައްރާފު ބޭނުންކޮށްގެން އުތުރުތިލަފަޅު ހިއްކައި ތަރައްޤީކުރަން ކަމަށެވެ.
އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީނުގެ ދައުރުގައި އިންޑިއާގައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މުޙައްމަދު (އަންޑޭ) އިއްޔެ ކުރެއްވި ޓުވީޓެއްގައިވަނީ އިންޑިއާއެކު އުތުރުތިލަފަޅު ތަރައްޤީކުރަން ބޭނުންނުވާކަން އެއިރު ދިވެހި ސަރުކާރުން އެ ޤައުމަށް އަންގާފައިވާކަމަށާއި، އޭގެ ފަހުން އެ މަސައްކަތާ ގުޅޭ ގޮތުން އިންޑިއާއާއެކު އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިނުވާ ކަމަށެވެ.