ގިނަ ބަޔަކަށް ނޭނގި އެމީހުން ދިރިއުޅޭ ތަން ނޫން ތަނަކަށް ރީރަޖިސްޓާކޮށްފައިވާކަމުގެ ޝަކުވާތައް ތިލަވާން ފަށައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އަލުން ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް ރީރަޖިސްޓަރީވުމުގެ ފުރުސަތު ދެ ދުވަސް ކުރިން ހުޅުވައިލުމުން ދެ ދުވަހުގެ ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީވުމަށް ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
25،000 މީހުން ރިރަޖިސްޓަރީވުމަށް ހުށަހަޅާފައިވާކަމަށް އިލެކްޝަނުން ބުނެފައިވަނިކޮށް، މިއަދު ގިނަ ބަޔަކު އަންނަނީ އެމީހުންނަށް ނޭނގި އެމީހުން ދިރިއުޅޭ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާކަމަށް ބުނަމުންނެވެ.
އެގޮތުން ބ.އޭދަފުށީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދައްތައެއް ހުޅުމާލެއަށް ރިރަޖިސްޓަރީކޮށްފައިވާކަން އޭނާއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި މެސެޖަކުން އަންގާފައިވެއެވެ. އޭނާ ބުނި ގޮތުގައި އޭދަފުށި ނޫން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން އޭނާ ފޯމު ހުށަހަޅާފައިނުވެއެވެ.
އެހެން މީހަކު ފާހަގަކުރީ އޭނާގެ ފޯމަށް ނުވެސް ދަންނަ އައިޑީ ކާޑު ނަންބަރެއް ރީރަޖިސްޓާކުރި ކަމުގެ މެސެޖެއް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ. އޭނާ ބުނީ އެ އައިޑީ ކާޑު ނަންބަރަކީ ނޭނގޭ ނަންބަރެއްކަމަށާއި، އެއްވެސް އިރެއްގައި ރިރަޖިސްޓަރީކުރަން ފޯމެއް ހުށަހަޅައި، އޭނާގެ ނަންބަރު އިލެކްޝަންސް ކޮމިޝަނާ ހިއްސާނުކުރާ ކަމަށެވެ.
މާލޭގައި ދިރިއުޅޭ މާލޭގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލާމުން އަންނަ ހދ.ކުޅުދުއްފުށީ މީހަކު "ދިޔަރެސް"އަށް ގުޅައި ބުނެފައިވަނީ އޭނާއަށް ނޭނގި އޭނާ ކުޅުދުއްފުށީގައި ހުންނަ ވޯޓު ފޮއްޓަކަށް ވޯޓުލާން ރިރަޖިސްޓަރީކޮށްފައިވާކަމަށާއި، ރޭގެ ވަގުތެއްގައި ރިރަޖިސްޓަރީވިކަމުގެ މެސެޖު އޭނާއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ.
ގިނަ ބަޔަކު އެމީހުން ދިރިއުޅޭ އަދި ވޯޓުދޭ ތަން ނޫން އެހެން ތަނެއްގައި އެމީހުންނަށް ނޭނގި ރިރަޖިސްޓަރީކުރާކަން ފާހަގަވެފައިވާއިރު، "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު އަލީ ނަޝާތު ވަނީ އެ ކޮމިޝަނުގެ އެހެން މެމްބަރުންނަށް ވަގަށް, އިލެކްޝަންސް ކޮމިޝަނުގެ ރިރަޖިސްޓްރޭޝަން ޕޯޓަލްގެ ބެކްޑޯއެއް ހެދުމަށްފަހު އެމްޑީޕީއަށް އޭގެ އެކްސެސް ދީފައެވެ. އަދި މޫކައި ސޫޓްސްގައި އެމްޑީޕީން ހަދާފައިވާ ކެމްޕެއިން އޮފީހުގައި ތިބި ފަރާތްތަކުން ދަނީ ޕޯޓަލްއަށް ވަދެ އެތައް ހާސް ބައެއްގެ ރިރެޖިސްޓްރޭޝަން ފޯމުތައް ވެލިޑޭޓް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.
މިފަދައިން މީހުންނަށް ނޭނގި އެމީހުންގެ ވޯޓުލުމުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ރީރަޖިސްޓާކުރާކަމަށް ބެލެވޭތީ ހުރިހާ އެންމެންވެސް އެމީހުން ރަޖިސްޓާކޮށްފައި އޮތް ތަނެއް ބަލައި ވޯޓުލުމުގެ ހައްގު ކަށަވަރުވާނެކަން ޔަގީންކުރުމަށް އިދިކޮޅު އިއްތިހާދުންވަނީ އިލްތިމާސްކޮށްފައެވެ.