ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކަށް ސްޓެލްކޯއިން ވަޒީފާ ދީފައިވާކަން ހާމަވެއްޖެއެވެ.
ނަން ހާމަނުކުރުން ޝަރުތުކުރުމާއެކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސްޓެލްކޯގެ އިސްވެރިއެއް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގިނަ ބަޔަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. ވަޒީފާ ހަމަޖެއްސި މީހުންނަކީ އެމްޑީޕީގެ ކެމްޕެއިނުގައި މަސައްކަތްކުރާ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމުގެ ކެމްޕެއިން އޮފީހުގެ ފަރާތުން ވޯޓުލާ މީހުންނަށް ގުޅައި ތާއީދު ހޯދުމަށް ޤާއިމުކުރި ކޯލު ސެންޓަރުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސާފައިވާ ކަމަށާއި، އެމީހުން ވަޒީފާއަށް ނުކުންނަން ނުޖެހޭކަމަށާއި، މަސައްކަތްކުރަނީ މުޅިންވެސް ކޯލް ސެންޓަރުގައިކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް ހަފުތާއެއްހައި ދުވަހަށް ވެފައިވަނިކޮށް އެއް ދުވަސް ތެރޭގައި ކުރިމަތިލާންޖެހޭ ގޮތަށް ގިނަ އަދަދެއްގެ ވަޒީފާއަށް ސްޓެލްކޯއިން އިއުލާނުކުރިއެވެ. އެ ވަޒީފާތަކަށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރިއިރު ވަޒީފާ ދޭނެ މީހުން ހަމަޖައްސާފައިވާކަމަށްވެސް އެ ކުންފުނީގެ އިސް ދެ މުވައްޒަފަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.
ރައީސް އިބްރާހީމުގެ ކެމްޕެއިނަށް އއ. އަތޮޅާއި އދ. އަދި ކ.އަތޮޅުގައި ފައިސާ ބެހުމަށް ރަށްރަށަށް ފައިސާ ހިފައިގެން މުޅިންހެން ދަތުރުކުރީ ސްޓެލްކޯގެ ލޯންޗުތަކުގައެވެ. ވޯޓުލުން އޮތް ދުވަހުގެ ކުރީ ރޭގައި ސްޓެލްކޯގެ ލޯންޗުތަކުގައި ނަގުދު ފައިސާ ހިފައިގެން ރަށްރަށަށް އެރިކަމަށް އެ ރަށްރަށުގެ ގިނަ ބަޔަކު ބުނެފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު އައްޔަންކުރި ފަހުން އޭނާވަނީ އަހަރު ދުވަހުގެ ތެރޭގައި 300 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައެވެ. އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް އިތުރު ގިނަ ވަޒީފާތަކެއް އުފައްދާފައިވެއެވެ.