ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވާނެކަމަށާއި އެކަން ކުރައްވާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ހދ.ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ދެގުނަ މުސާރަ ބޮޑުކުރުމާއި ގުޅިގެން މާލޭގައި ބޭއްވި ޖަލްސާގައި ދެއްކި ވާހަކަ އޮޅުންބޮޅުން އަރާފައިވާތީ އޮޅުންފިލުވައިލަދޭން ބޭނުންފުޅުވާކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ފަޚުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިން ކަމަށާއި އެ ދެ މުއައްސަސާ ވާންވާނީ އެއްވެސް ނުފޫޒެއްނެތި އަނބުރުވެރިކަމާއި މިނިވަންކަމާއި އެކު އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ އުޅޭ ޚިދުމަތްތެރިންނަށް ވާން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ދެ މުއައްސަސާގެ ޚިދުމަތްތެރިންގެ މުސާރައިގެ ވާހަކަ ދެއްކީ އެވިސްނުން އިސްކޮށްގެންނެވެ.
މުސާރައާ ގުޅިގެން ދެއްކެވި ވާހަކައަށް ބައެއްގެ ފާޑޫކިޔުން އަމާޒުވުމާއި ގުޅިގެން ކަން ކުރައްވާނެ ގޮތް ސާފުކޮށްދެއްވާ ޑރ. މުއިއްޒު ވިދާޅުވީ ދެގުނަ މުސާރަ ބޮޑުކުރާނީ ފުރަތަމަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހުގައި ކަމަށެވެ.
އަދި 5 އަހަރު ދުވަހުގެ ދައުރުތެރޭ އެކަން ކުރައްވާނެކަމަށާއި އެކަމުގެ ޕްލޭނެއް އޮތްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މުއިއްޒު ވިދާޅުވިގޮތުގައި 2024 ގައި ބޮޑުކުރާނީ މުސާރައިގެ 35 އިންސައްތައެވެ. އަދި 2026 ގައި 35 އިންސައްތަ ބޮޑުކޮށް 2028 ވަނަ އަހަރު ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް ވިދާޅުވެ ޑރ. މުއިއްޒު ވަނީ މުސާރައިގެ ކަންކަން ރާއްވަވާފައިވާގޮތް ސާފުކޮށްދެއްވާފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު 100 އިންސައްތަ މުސާރަ ޑަބަލްވެގެންދާނެ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރައިގެ އިތުރުން އެހެން މުއައްސަސާތަކުގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހު ސިވިލް ސާވިސްއާއި ޔުނިފޯމު އެޅި އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތައްވެސް ހިމެނޭހެން މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވައުދުވެވޑައިގެންފައެވެ. އަދި އެކަންވެސް ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
މި މުސާރަތައް މަރުހަލާތަކަކަށް ބަހާލައި ބޮޑުކުރާނެ ގޮތުގެ އިތުރު ތަފްސީލު އަދި ފަހުން ދެއްވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.