ޑރ.މުއިއްޒުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ޖަވާބުދާރީވާ ޒިންމާދާރު ސަރުކާރަކަށް ކަމަށާއި, އެކަން ކުރަން ރާވާފައިވާ ގޮތް ޑރ.މުއިއްޒު ރޭ ހާމަކުރައްވައިފިއެވެ.
ހދ.ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ މިހާރުގެ ސަރުކާރު އަމަލު ކުރާގޮތުން ޗެކް އެންޑް ބެލެންސް މިއޮތީ އެއްކޮށް ގެއްލިފައި ކަމަށެވެ. އިންތިހާބު ދުވަސްވަރުވެސް ބޮޑެތި ކޮރަޕްޝަންތައް ހިނގަމުން ދާއިރު އޭސީސީންވެސް ކުރާކަމެއް ނެތް ކަމަށާއި މިނިވަން މުއައްސަސާތައް މިނިވަންކަން އިހުސާސް ނުކުރެވޭ ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭރަށް ރައްޔިތުންގެ ފައިސާ ހަރަދުކުރަނީ ރަނގަޅަށް ކަން ރައްޔިތުންނަށް ޔަގީންވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
"އޯޕެން ގަވަމެންޓެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޤާއިމް ކުރާނަން" ޑރ.މުއިއްޒު ވިދާޅުވިއެވެ.
އަދި އެކަން ކުރަން ރާވާފައިވާ ގޮތް ޑރ.މުއިއްޒު ތަފްސީލުކޮށްދެއްވިއެވެ. މިގޮތުން ރައްޔިތުންނާ ވަޒީރުން އަދި ކުންފުނިތަކުގެ ވެރިންނާ ސީދާ ބައްދަލުކުރެވޭނެ ނިޒާމެއް ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެކަން ކުރާނީ ލައިވް ފޯރަމްތަކެއްގެ ސިފައިގައި ކަމަށާއި, އެތަނަށް ރައްޔިތުންނަށް އައިސް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އޯޕެން ފޯރަމެއް މުޅި ޤައުމަށް ލައިވް ކުރެވިގެން ގިނަ ގިނައިން ބާޢްވަ ދޭނަންޑރ.މުއިއްޒު
އަދި މިފޯރަމްތަކުގައި މިފަދަ ފުރުސަތުތައް ރައްޔިތުންނަށް ދިނުމުން ސަރުކާރުން ކަންކަން ކުރާގޮތް ރައްޔިތުންނަށް ގާތުން ފެންނާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވާނީ ދެފުއް ފެންނަ ސާފު ވެރިކަމެއް ކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ އިހުލާސްތެރި ވެރިކަމެއް ކުރަން ކަމުގައި ވަންޏާ އަޅުގަނޑު ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު ޤާއިމް ކުރާ ކެބިނެޓު ނޫނީ ކުންފުނިތަކުގެ ވެރިން ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ" ޑރ.މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.މުއިއްޒު ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށްވެސް ޖަވާބު ނުދެވޭ ސުވާލެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަށްވެސް ޖަވާބު ނުދެވޭ ސުވާލެއް ނޯންނާނެ ކަމަށާއި މުޅި ސަރުކާރުގައިވެސް އެ ގޮތް ޤާއިމް ކުރަން ބޭނުންފުޅުވާކަމަށެވެ.
ރައްޔިތުން ވަޒީރުންނާއި ބައްދަލުކުރެވޭނެ ފޯރަމްތައް ކޮންމެ 3 މަހުން އެއް މަހު ބޭއްވޭނެ ގޮތް ހައްދަވާނެ ކަމަށާއި އެކަމުގެ ސަބަބުންވެސް ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން މަޤާމުތަކުގައި ތިބި މީހުން މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ފެންވަރަށް ކަންވެސް ރައްޔިތުންނަށް ޔަގީން ކުރެވިގެން ދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
"އޭރުން ޖަވާބުދާރީ ކުރުވާނެ. އެނގޭނެ މިއީ ތިމަންނާމެން ބޭނުންވާ ކަހަލަ ސަރުކާރެއްކަން" ޑރ.މުއިއްޒު ވިދާޅުވިއެވެ.
ދެފުއްފެންނަ ސަރުކާރެއް ޤާއިމްކުރައްވާނެ ކަމަށް ޑރ.މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމްގެ ސަރުކާރަކީ އެންމެ ގިނައިން ކަންކަން ސިއްރުކުރާ ސަރުކާރެވެ. މިގޮތުން ރައީސް އޮފީހުންގެ ވަޒީރުންގެ ހާޒިރީއާއި ރައީސް އިބްރާހީމް އެކި ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ތަފްސީލުވެސް ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.