Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ޤާނޫނަކުން ބާރު ލިބިދޭ 20 އަހަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލާނަން: ޑރ.މުއިއްޒު

ޤާނޫނަކުން ބާރު ލިބޭގޮތަށް 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލާނެ ވާހަކަ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް އޮންނާނެ ކަމަށެވެ. އަދި އޭގެ އިތުރު ތަފްސީލު ރޭ ދެއްވިއެވެ. މިގޮތުން އެ ޕްލޭން އެކުލަވާލާނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް ވިދާޅުވިއެވެ.

"އެ ޕްލޭނަކީ އެކަމަށް ހާއްސަ ޤާނޫނެއް ހެދިގެން ޤާނޫނީ ބާރު ލިބިދީގެން ހެދިފަ އޮންނަ ޕްލޭނަކަށް ވާނެ" ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދި އެ ޕްލޭންވެގެން ދާނީ ދިވެހި ރައްޔިތުން މިރާއްޖެ ކުރިއަށް ގެންދަން ބޭނުންވާ ގޮތުގެ ޕްލޭނަށްކަމަށް ވިދާޅުވިއެވެ. ޑރ.މުއިއްޒު ވިދާޅުވި ގޮތުގައި ޤާނޫނަކުން އެ ޕްލޭނަށް ބާރު ދިނުމުން, ދެން ސަރުކާރުތައް ބަދަލުވިޔަކަސް ތަރައްޤީގެ ދިގު ރާސްތާ ޕްލޭނަކަށް ބަދަލެއް ނާންނާނެއެވެ. ސަރުކާރުތަކުން ގެންނަން ބޭނުންވާ ބައެއް ހާއްސަ ކަންކަން ގެނަޔަސް ފުޅާ ދާއިރާއެއްގައި ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ޕްލޭނަށް ބަދަލު ގެނެވޭނީވެސް އެކަމާއި ގުޅޭ ޤާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ އެގޮތަށް ޕްލޭނަކާ އެކު ކުރިއަށް ގެންދިޔުމުން ގާއިމްވެގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ހިނގާ ވެރިކަމެއް ކަމަށެވެ.

ސަރަހައްދީ ތަރައްޤީގެ ކޮންސެޕްޓް

ރޭ ނޮޅިވަރަމްފަރުގައި ޑރ.މުއިއްޒުވަނީ ވަރަށް މުހިންމު އެހެން ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ސަރަހައްދީ ތަރައްޤީގެ ތެރެއިން ދެމެހެއްޓެނެވި ތަރައްޤީ ހާސިލު ކުރުމެވެ.

މިގޮތުން ޑރ.މުއިއްޒު ވިދާޅުވީ މުޅި ރާއްޖެއަށް ދެމެހެއްޓެނެވި ތަރައްޤީ ގެނެސްދެވޭނީ ރާއްޖޭގެ އުތުރާ, ދެކުނާ އަދި މެދުރާއްޖެތެރޭގައި ސަރަހައްދުތަކެއް ތަރައްޤީ ކުރެވިގެން ކަމަށެވެ. "އެއީ ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްޤީ ހާސިލުވާނެ ގޮތަކީ" ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެހެން ގޮތަކަށް އެކަން ކުރަން އުޅެފިއްޔާ އެކަން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ކޮށްދެއްވާނެ ކަމަށާއި, އެހެން ނަމަވެސް މެދުރާސްތާ އަދި ދުރުރާސްތާ އަށް ބަލާއިރު ސަރަހައްދީ ތަރައްގީގެ ކޮންސެޕްޓުން ނޫނީ ރާއްޖެ ދެމެހެއްޓެނެވި ގޮތުގައި ތަރައްޤީ ނުވާނެ ކަމަށެވެ.

އަދި އެހެން ކަމުން ނޮޅިވަރަމްފަރު ފަދަ ބިން ބޮޑު, އާބާދީ ބޮޑު ރަށްތަކަށް ހާއްސަ އިސްކަމެއް ދިނުމަކީ ދެމެހެއްޓެނެވި ތަރައްޤީއަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޑރ,މުއިއްޒު ވަނީ ނޮޅިވަރަމްފަރަށް ހާއްސަ ބައެއް ވައުދުތައްވެސް އިއުލާންކުރައްވާފައެވެ. މިގޮތުން ބޭންކު ބްރާންޗެއް ހުޅުވުމާއި ފީފާ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ޤާއިމް ކުރުމާއި, ކުޅިވަރު ކުޅެވޭނެ އިތުރު ވަސީލަތްތައް ޤާއިމްކުރުން ފަދަ ކަންކަން އޭގެތެރޭގައި ހިމެނެއެވެ.

މި ލިއުމާއި ގުޅޭ