ދައުލަތުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ހުރިހާ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް 9 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 47 އިންސައްތަ ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ހދ.ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން އަދި ފުލުހުންގެ މުސާރައަށް ގެނެސްދެއްވާނެ ހެޔޮ ބަދަލުތައް އިއުލާންކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ހަމައެކަނި އެ ދެ މުއައްސަސާއަކަށް ނޫންކަމަށެވެ.
މިގޮތުން އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހު ސިވިލް ސާވިސްއާއި ޔުނިފޯމު އެޅި އެހެން އިދާރާތަކާއި މިނިވަން މުއައްސަސާތައްވެސް ހިމެނޭހެން މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށް ވިދާޅުވިއެވެ.
މުސާރަތައް މަރުހަލާތަކަކަށް ބަހާލައި ބޮޑުކުރާނެ ގޮތުގެ އިތުރު ތަފްސީލު އަދި ފަހުން ދެއްވާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ހަގީގީ މާނާގައި ރާއްޖެ ކުރިއަރުވާ ވާހަކަ ދައްކާއިރު ހިދުމަތްތެރި މަސައްކަތްތެރިންގެ ގޮތުގައި ބަލައިގަނެ އެންމެ ރަނގަޅު ގޮތުގައި ޖެހޭނެ މުވައްޒަފުންނަށް ކަންކަން ކޮށްދޭން. ހެޔޮ ބަދަލުތަކެއް ގެނެސްދޭން. މައިގަނޑު އަމާޒަކީ މަސައްކަތެރިން މި ގައުމު ކުރިއެރުވުމުގެ އަގުވަޒަން ކުރުންޑރ.މުއިއްޒު
މީގެ އިތުރުން ޑރ.މުއިއްޒު ވިދާޅުވީ މުސާރައަށް މިފަދަ ހެޔޮ ބަދަލުތައް ގެނެސްދެނީ ރާއްޖެ ތަރައްޤީކުރަން އަމަލީ ގޮތުން މަސައްކަތްކުރަން ތިބީ ދައުލަތުގެ މުވައްޒަފުން ކަމުގައިވާއިރު ހަމަޖެހޭ މާހައުލެއް ހޯދައިދީގެން މެނުވީ ޒިންމަދާރު މުވައްޒަފުންތަކެއް ނުލިބޭނެތީކަމަށެވެ.
ރައީސް އިބްރާހީމްގެ ވެރިކަމުގެ ފަހު އަހަރު ނިމުމާއި ގާތް ވެފައިވާއިރު ދައުލަތުގެ ގިނަ ވުޒާރާތަކުގެ މުވައްޒަފުންގެ މުސާރައަކަށް އެދެވޭ ބަދަލެއް އައިސްފައިނުވެއެވެ. ބައެއް ދިމަދިމާލުން މުސާރަ ބޮޑު ކުރިނަމަވެސް, އެކަން ކޮށްފައިވަނީ ފައިސާ ޗާޕުކޮށްގެން ކަމަށްވާތީ, ދިރިއުޅުމަކަށް އެކަމުން ހަގީގީ މަންފާއެއް ނުކުރެއެވެ.