ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމު އަލީގެ މަރާ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވޭނެ ކިތާބީ ހެކި ހުރިކަމަށް ވިދާޅުވެ 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި ދެއްކެވި ވާހަކަފުޅުފަދަ އައު ވާހަކަފުޅެއް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ އަނެއްކާވެސް ދައްކަވައިފިއެވެ.
މިރޭ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހަ "ސޯސަން ޖަގަހަ"އިގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ވެރިކަން ލިބިއްޖެނަމަ ހައްޔަރުކުރާނެ މީހުންގެ ލިސްޓެއް އެކުލަވައިލާފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ފުރަތަމަ މަހުގައި ޖަލަށް ލާނެ މީހުންނާއި، ޖެހިގެން އަންނަ މަސްތަކުގައި ޖަލަށްލާނެ މީހުންގެ ލިސްޓެއް އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވެއެވެ.
"މި ރާއްޖެ އަޅުގަނޑުމެންގެ ވާދަވެރި ފަރާތުގެ އަތްމައްޗަށް ދޫކޮށްލެއްވީމަ، ލިސްޓުތައް އެބަހުއްޓޭ އެނގޭތޯ، ފުރަތަމަ މަސް ތެރޭގައި ޖަލަށް ލާންވީ މީހުން، ދެވަނަ މަސް ތެރޭ މީހުން، ދައުރު ނިމޭއިރު ޖަލަށްލާ މީހުންގެ ލިސްޓް އެބަހުއްޓޭ، މިކަންތައް ދަނީ މިހެންނޭ އެނގޭތޯ،" އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ތެރޭގައި އިމްރާންވަނީ ޑރ.މުޢިއްޒުގެ ހިތްޕުޅަށް އަރާފައިބާ ޚިޔާލުތައްވެސް އެނގިވަޑައިގަންނަވާކަމަށް ދައުވާކުރައްވައި، ރައީސް ޔާމީނު ޖަލަށްލައިތޯ ޑރ.މުޢިއްޒު ހިތްޕުޅުން ދުއާކުރެއްވިކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރަށް ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ނަބިއްޔާއަށް ޢަރަބި ބަހުގެ ޤަވާއިދަށް ނުފެތޭ އެއްވެސް ޙަދީސް ފޮތެއްގައި ވާރިދުވެފައިނުވާ އިބާރާތެއްވެސް އިމްރާނުވަނީ ނިސްބަތްކުރައްވާފައެވެ.
އިމްރާނަކީ އާންމުކޮށް އޭނާގެ ވާދަވެރިންނާ ގުޅޭ ގޮތުން އިތުރުފުޅު ހައްދަވައި އެބޭފުޅުންގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ދޮގުތައް އަޅުއްވާ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދާއި އެމްޑީޕީއަކީ ބޭރުގެ ލާދީނީ ޖަމާއަތްތަކުން ޚަރަދުކުރާ ބައެއްކަމަށާއި، ރައީސް ޔާމީނަކީ ޤާތިލެއްކަމަށާއި، ޑރ.މުޢިއްޒަކީ ގޭންގުތަކުން ފަންޑުކުރާ ބޭފުޅެއްކަމަށް އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި އިމްރާން ތުހުމަތުކުރައްވާފައިވެއެވެ.