މިރޭ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާއަށް ހާޒިރުވީ ވަރަށް މަދު ބައެކެވެ.
ސޯސަން މަގުގެ މަޖީދިއްޔާ ސުކޫލާވީ ފަޅީގައި ހުރި ޖަގަހައިގެ އެތެރޭގައި ގޮނޑި ޖަހާފައި ހުރި ގޮތުން ޖަގަހައަށް ވަދެވުނީވެސް ވަރަށް މަދު ބަޔަކަށެވެ. ޖަގަހައިގެ ބޭރުގައި ޖަލްސާއަށް ހާޒިރުވެ ތިބީވެސް މަދު ބަޔެކެވެ.
މިއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން އެމްޑީޕީން ފެށިފަހުން ރައީސް އިބްރާހީމު ބައިވެރިވެވަޑައިގެންނެވި ދެވަނަ ޖަލްސާއެވެ. ރައީސް ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ޖަލްސާއަކީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާއެކެވެ.
ދަނޑިކޮށި ޖަގަހާގައި ބޭއްވި ޖަލްސާއާ އަޅާބަލާއިރު މިރޭ އޮތް ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. ކުރީގެ ޖަލްސާއަށްވުރެ މިރޭ ޖަލްސާގައި މީހުން މަދުވެފައިވާއިރު، އެރޭ ޖަލްސާއަށްފަހު ރައީސް ވިދާޅުވީ ކޯލިޝަން ހެދުމަށްވުރެ ބޮޑަށް ސަމާލުކަން ދެއްވާނީ ކެމްޕެއިންކުރެއްވުމަށް ކަމުގައެވެ.
އެފަދައިން ވިދާޅުވުމަށްފަހު ޖެހިގެން އައި ދުވަހު ރައީސާއި އެމަނިކުފާނުގެ ޓީމެއްވަނީ ސަން އައިލެންޑު ރިސޯޓަށް ވަޑައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ތާއީދު ހޯއްދަވައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގައި 3 ދުވަސް ހޭދަކުރައްވާފައެވެ.
ނަމަވެސް އެ މަޝްވަރާތަކަށްފަހު، މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގައި ޤާސިމް ނިންމަވާފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރެއްވުމަށެވެ. ރައީސާއެކު ކޯލިޝަން ނުހެއްދެވުމަށް ނިންމެވި ސަބަބެއްކަމަށް ޤާސިމް ވިދާޅުވީ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އައުމެވެ.