Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ސަފީރު އަޙްމަދު މުޙައްމަދު

އުތުރުތިލަފަޅު ތަރައްޤީކުރުން އިންޑިއާއާ ހަވާލުކުރީ ކުރީ ސަރުކާރުންކަމަށް ބުނެ އޮޅުވައިލަނީ: ކުރީގެ ސަފީރު

އުތުރުތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއާ ހަވާލުކޮށްފައިވަނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށް ބުނެ ސަރުކާރުން ފަތުރާ ވާހަކަތަކަކީ ކަނޑައެޅިގެން އޮޅުވައިލުމެއް ކަމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގައި އިންޑިއާއާއެކު ހެދި "ޑިފެންސް އެކްޝަން ޕްލޭނު" ނުވަތަ ދިފާއީ ކަންތައްތަކެއް ކުރުމަށް މަޝްވަރާކުރަން އެކުލަވައިލި ޕްލޭނުގައި އުތުރުތިލަފަޅު ތަރައްޤީކުރުން ހިމެނުނެވެ. ނަމަވެސް 2018 ވަނަ އަހަރު ދިވެހި ސަރުކާރުންވަނީ އިންޑިއާއިން އެދުނު ގޮތަށް އެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންނުވާކަން ރަސްމީކޮށް އިންޑިއާއަށް އަންގާފައެވެ.

އެ އެކްޝަން ޕްލޭނާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެ އުތުރުތިލަފަޅުގެ މަސައްކަތް އިންޑިއާއިން އެދުނު ގޮތަށް އެ ޤައުމަށް "އެކްސްކުލޫސިވް ރައިޓްސް" ނުވަތަ ޚާއްޞަ ޙައްޤުތައް ލިބޭ ގޮތަށް ކުރިއަށްގެންދަން ދިވެހި ސަރުކާރުން ނުރުހޭކަން އެންގެވީ ސަފީރު އަޙްމަދެވެ. އެކަން އެ ބައްދަލުވުމުގެ ކޮންޓެކްޓު ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ.

ނަމަވެސް އިންޑިއާއަށް އުތުރުތިލަފަޅު މަސައްކަތް ހަވާލުކުރީ ކުރީ ސަރުކާރުން ވަރަށް ބޮޑު އަސްކަރީ މަޝްރޫޢެއްގެ ގޮތުގައިކަމަށް ބުނެ މިއަދު ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނާ ގުޅިގެން ނޫހެއްގައި ލިޔުނު ޚަބަރަކަށް ރައްދުދެއްވައި ކުރީގެ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެއް ކަމަށެވެ.

އަދި އިންޑިއާއިން ހުށަހެޅި ގޮތަށް އުތުރުތިލަފަޅުގެ އެކްސްކުލޫސިވް ރައިޓްސް އެ ޤައުމަށް ނުދެވޭނެކަން ރައީސް ޔާމީނުގެ ސަރުކާރުން، 2018 ވަނަ އަހަރު އިންޑިއާގެ ޚާރިޖީ ވުޒާރާއަށް އެންގިކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އަދި އެއަށްފަހު ރައީސް ޔާމީނުގެ ވެރިކަން ނިމުމާ ހަމައަށްވެސް އެކަމާމެދު އިންޑިއާއާއެކު އިތުރު އެއްވެސް މަޝްވަރާއެއް ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިއާއިންވަނީ އުތުރުތިލަފަޅު އެއްބަސްވުމާއި، ޑޯނިއާ އެއްބަސްވުމާއި، ހައިޑްރޮގްރޮފީ އެއްބަސްވުމުގައި ސޮއިކުރަން އެދިފައެވެ. ނަމަވެސް އެއިރުގެ ސަރުކާރުންވަނީ އެ އެއްބަސްވުންތަކުގައި ސޮއިނުކުރާނެކަން އިންޑިއާއަށް އަންގާފައެވެ. އެހެންނަމަވެސް މި ސަރުކާރުން އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު އެއީ ކުރީ ސަރުކާރުން ކުރި ކަންތައްތަކެއް ކަމަށް ދެއްކުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް ލީކުވެފައިވާ ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީގެ ލިޔެކިޔުންތަކުން ކުރީ ސަރުކާރުން އެއިން އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާކަމާއި، އެ އެއްބަސްވުންތަކުގައި ސޮއިކުރީ މި ސަރުކާރުންކަން ސާފުވެއެވެ.

އަދި އެއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންކަމަށްވާ ހެލިކޮޕްޓަރުތަކާ ހަވާލުވެގެން އައިސް ތިބި ސިފައިން ހެލިކޮޕްޓަރުތަކާއެކު އަނބުރާ އިންޑިއާއަށް ފޮނުވައިލުމުގެ މަސައްކަތް ރައީސް ޔާމީނުގެ ސަރުކާރުން ކުރިކަމާއި، އެކަންކަމަށް އިޖާބަނުދީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާއިން އަތް ބާނާތީ އެކަން އދގެ ސަމާލުކަމަށް އެއިރުގެ ސަރުކާރުން ގެނައިކަން އެ ލިޔެކިޔުންތަކުން އެނގެއެވެ.

މި ލިއުމާއި ގުޅޭ