އުތުރުތިލަފަޅުގައި އިންޑިއާ ކަނޑުގެ ސިފައިންގެ ބޭސްއެއް ތަރައްޤީކުރާ މައްސަލައާ ގުޅިގެން ސިފައިންގެ ޖެނެރަލުން ރޭންކަށްވުރެ ދަށް ރޭންކުތަކުގެ އޮފިސަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން ޑިފެންސް މިނިސްޓްރީގެ ނަމުގައި މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބަޔާނެއް ނެރުއްވައިފިއެވެ.
އެ ބަޔާނުގައި ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އުތުރުތިލަފަޅުގައި ތަރައްޤީކުރާ "އެކަތަ" ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓުގާޑު އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އެ އުޅަނދުފަހަރު މަރާމާތުކުރަން ތަރައްޤީކުރާ ބަނދަރެއް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢެއް ހިންގުމަށް ރައީސް ޔާމީނުގެ ސަރުކާރުން ހުށަހަޅައި، 2016 ވަނަ އަހަރުގައި އެ މަޝްރޫޢު ހިންގުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވިކަމަށެވެ. އަދި މި ސަރުކާރުން ކުރިކަމަކީ އެ އެއްބަސްވުމުގެ ސްކޯޕު ހަނިކުރުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ބަޔާނުގައި އިޝާރާތްކުރި ބައްދަލުވުމުގައި ސޮއިކުރީ އެކްޝަން ޕްލޭނެއްގައެވެ. އެކްޝަން ޕްލޭނަކީ އެއްވެސް ހާލަތެއްގައި އެއްބަސްވުމެއް ނޫނެވެ. އެއީ ފަހުން ކަންތައްތަކެއް ކުރުމަށް އެއްބަސްވުމާމެދު ވާހަކަދެއްކުމަށް ވެވިފައިވާ އެއްބަސްވުމެކެވެ.
އެ "އެކްޝަން ޕްލޭން"އަށްފަހު އުތުރުތިލަފަޅު ތަރައްޤީކުރަން އިންޑިއާއިން ހުށަހެޅި ޑިޒައިންތަކާ ގުޅިގެން ދިވެހި ސަރުކާރުން އެއިރު އިންޑިއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި އެއިރު ހުންނެވި ސަފީރު އަޙްމަދު މުޙައްމަދުވަނީ އިންޑިއާއިން އެދުނު ގޮތަށް އުތުރުތިލަފަޅުގެ ޚާއްޞަ ޙައްޤުތައް އިންޑިއާއަށް ދިނުމަށް އެއްބަސްވެވެން ނެތްކަން އެންގެވިކަން ފޮރިން މިނިސްޓްރީގެ ކޮންޓެކްޓު ރިޕޯޓަކުން އެނގެއެވެ.
އަދި އެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ފާހަގަކުރި ގޮތުގައި އެ މައްސަލާގައި އިންޑިއާއިން ހުށަހެޅި ޓީއޯއާރަށް ދިވެހި ސަރުކާރުން އެއްވެސް ޖަވާބެއް އެ ބައްދަލުވުމާ ހަމައަށް ދީފައިނުވެއެވެ. އިތުރު ކަމެއްގެ ގޮތުގައި އިންޑިއާއިން ފާހަގަކުރީ އުތުރު ތިލަފަޅު ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ހުއްދަދިން ނަމަވެސް ބައެއް ތިންވަނަ ފަރާތްތަކުން އެތަން ބޭނުންކުރުމާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.
އޭގެ އިތުރަށް އެއިރު ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު އެއްބަސްވުން އައުކުރުމާމެދު ސަފީރު އަޙްމަދު މުޙައްމަދުވަނީ އެ އެއްބަސްވުން އައުނުކުރުމަށާއި ހެލިކޮޕްޓަރު އަނބުރާ ރާއްޖެއަށް ފޮނުވައިލުމަަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން އިންޑިއާއަށް އަންގަވާފައެވެ.
މިއިން އެއްވެސް ކަމެއް ބަޔާންނުކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅު ބަނދަރަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށާއި، މިތަނުގައި އިންޑިއާ ސިފައިން ޤާއިމުވެ ނުތިބޭނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އިންޑިއާގެ ސިފައިން އެތަނުގައި ތިބެނީ ޓެކްނިކަލް މަސައްކަތްކުރުމަށް ކަމަށެވެ. އެމީހުންގެ އަތުގައި ހަތިޔާރު ނުހުންނާނެ ލަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ހިނގަމުން އަންނަ ކަންކަމާމެދު ދައްކާ ވާހަކަތަކަކީ ސިފައިންގެ ތަރައްޤީއަށް ހިންގާ މުހިއްމު ކަންކަމަށް ހުރަސްއަޅައި ނަފުރަތު އުފެއްދުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި ސިފައިންގެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށާއި ސިޔާސީ ޕްރޮޕަގަންޑާ ފެތުރުމަށް މަސައްކަތްކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ލަދުވެތި ނާކާމިޔާބާ ގުޅިގެން ޤައުމީ ދިފާއީ ބާރުގެ ޖެނެރަލުން ޓީވީއަށް އަރުވައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ދައްކުވައި ކެމްޕެއިނަށް އެ ބޭފުޅުން ބޭނުންކުރުމުގައި އަޑީގައި ހުންނެވީ މާރިޔާއެވެ.