ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ ތާއީދު ހޯއްދަވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސަން އައިލެންޑަށް ވަޑައިގެން ދެއްކެވި ލިޔުންތަކުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހުރީ ރަނގަޅަށް ނޫންކަން އެނގިވަޑައިގެންނެވިކަމަށް ޤާސިމް މިއަދު ވިދާޅުވެއްޖެއެވެ.
ސަން އައިލެންޑް ރިސޯޓުގައި ޤާސިމް އަރިހުގައި ތިން ދުވަސް ރައީސް އިބްރާހީމް ހޭދަކުރެއްވިއެވެ. އެ ތިން ދުވަހުގައި އެމަނިކުފާނުވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައްކަމަށް ބުނެ ބައެއް ލިޔުންތައް މާލެއިން ރިސޯޓެއް ގެންދަވައިގެން ޤާސިމަށް ދައްކަވާފައެވެ. ބޮޑެތި ހުށަހެޅުންތަކާއެކު ޤާސިމް އަރިހަށް ރައީސް އިބްރާހީމާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް ޤާސިމް މިއަދު ނިންމެވީ ރައީސް އިބްރާހީމަށް ތާއީދުނުކުރެއްވުމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބޭއްވުމަށްފަހު، ޤާސިމް އިއުލާނުކުރެއްވި ގޮތުގައި އޭނާގެ ނިންމެވުމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމެވެ. އެފަދައިން ނިންމެވި މައިގަނޑު ސަބަބެއްކަމަށް ޤާސިމް ވިދާޅުވީ އަތްޕުޅުގައި ހުރި ޑޮކިއުމެންޓުތަކަށް ބައްލަވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކަކީ ސައްހަ ރަނގަޅު ވާހަކަތަކެއްކަން ސާބިތުވުމެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ކަމެއް ކަމުގައި ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅެެވެ. އަދި އިންޑިއާއާއެކު ހަދާފައިވާ ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިސްތިޤުލާލަށް އުނިކަން ލިބި މިނިވަންކަން ބީވެގެން ހިނގައިދާނެކަމުގައި ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ ބޭރު ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވެނީ އަދި ތިބީ ސަރުކާރުން އެކަމަށް ހުއްދަދިނުމުންނެވެ. ރައީސް ދެއްކެވި ލިޔެކިޔުންތަކުގައި ހުރީ ކޯއްޗެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޤާސިމް ވިދާޅުވީ "އެ ޑޮކިއުމެންޓު ބަލާފައި އެއީ ރަނގަޅަށް ހުރި ކަންތައްތަކެއްކަން ޔަގީންކުރެވުނުނަމަ އަޅުގަނޑު މިގޮތަށް ނިންމާކަށް ނުޖެހޭނެ. އަޅުގަނޑު ހުންނާނީ އެ ބޭފުޅާއާއެކީ [ރައީސް އިބްރާހީމާ] އެކު ދެއްތޯ؟،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ރައީސް އިބްރާހީމަށް ތާއީދުނުކުރައްވަން ނިންމެވުމާއެކު އޭނާ ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބޭނުންފުޅުވާ ބޭފުޅަކަށް ތާއީދުކުރެއްވުމަށް ހުރަސްނާޅުއްވާށެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމެވުމާއެކު ޖޭޕީގެ ގިނަ ބޭފުޅުންތަކެއް އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވާނެކަމަށް ބެލެވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކު މަޝްވަރާކުރައްވަން ފައްޓަވައިފި ކަމަށެވެ. އަދި ދެތިން ޕާޓީން އެމަނިކުފާނަށް ތާއީދުކުރަން ފެހި ސިގުނަލު ލިބިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ދެވަނަ ބުރަށް ނުދިޔަ އެއްވެސް ޕާޓީއަކުން އެމަނިކުފާނަށް ތާއީދުނުކުރެއެވެ.