ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން އެމަނިކުފާނާ މާފުށީގައި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މާލޭގެ ކާނިވަލު ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޑިމޮކްރެޓްސްއިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު މަޝްވަރާތަކެއް ފަށާފައިވާއިރު ރައީސް ނަޝީދު އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރުގައި ރައީސް ޔާމީނާ އެކަމުގެ މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރިކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތެއް އޮޅުފިލުވަން ބޭނުންފުޅުވާކަމަށާއި އެކަމުގައި އެހީތެރިވެދެވެން އޮތް ގޮތެއް އޮތް ނަމަ އެކަމެއްވެސް އޮޅުންފިލުވަން ބޭނުންފުޅުވާކަމަށެވެ.