ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިން ވައްކަމެއް ކުރަން އެބަ ރާވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.
މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި “މަވެސް ޕީޕީއެމް” ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ރައީސް އޮފީހުގައި ބޮޑު ވައްކަމެއް ކުރަން ރާވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވެސް ވިދާޅުވެފައެވެ.
އެގޮތުން އިދޮކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވޯޓުދޭނެ ކަން ޔަގީންވާ 8000 ވަރަކަށް މީހުން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ރީ ރެޖިސްޓާ ކުރަމުންދާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
“ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ވައްކަމެއް ކުރަން އެބަ ރާވާ. މި ވައްކަން ކުރަން އެމީހުން ގަސްތުކުރާ ގޮތަކީ. 8 ވަރަކަށް ހާސް ޕީޕީއެމްގެ މީހުން، ޑރ މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކަށަވަރުވާ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރީ ރެޖިސްޓާ ކުރަމުން ދަނީ. އެއީ އެމީހުން ކުރާ ކަމަކީ” ސައީދު ވަނީ ސަރުކާރުން އިންތިޚާބުގެ ދެވަނަ ބުރުގައި ކުރަން ނިންމަވާފައިވާ ބޮޑު ވައްކަން ކުރިޔަށް ދާނެ ގޮތް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެއިތުރުން މެންބަރު ސައީދު ވަނީ ޖަލްސާގައި ބައިވެރިވި ފަރާތްތައް އެ ފަރާތްތައް ރީ ރެޖިސްޓާ ވެފައިވާ ތަން ޗެކް ކުރުމަށް ގޮވާލާފައެވެ.