މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބިކަނބަލުންނާއި ދަރިން މަރާނެ ކަމަށް ބުނެ ފާރިސް މައުމޫން އިންޒާރުދިން ކަމަށް ބުނެ ފަސްޓްލޭޑީ ފަޒްނާ އަހްމަދު ފެތުރީ ދޮގެއް ކަމަށް ފާރިސް ވިދާޅުވެއްޖެ އެވެ.
ފަޒްނާ 2012 ގެ އޮގަސްޓު މަހުގެ ތެރޭގައި ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސް ރައީސް ނަޝީދަށް ގުޅުއްވައި އެމަނިކުފާނު މަގާމުން އިސްތިއުނާ ނުދީފިނަމަ އަނބިދަރިން މަރާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ.
"'ބާގީ ފާރިސް މައުމޫން ރައީސް ނަޝީދަށް ގުޅާފަ އިސްތިއުފާ ނުދީފިއްޔާ އަންހެނުންނާ ދަރިން މަރާނެ ކަމަށް ބުނި ވާހަކަ ކޯނީ ރިޕޯޓުގައި ނެތް،" ފަޒްނާގެ ޓުވީޓުގައި ބުނެފައިވެ އެވެ.
ފަޒްނާގެ އެ އިންޒާރަކީ ތެދެއްތޯ "ދިޔަރެސް" އިން ފާރިސްއާ ސުވާލު ކުރުމުން އޭނާ ވަނީ އެއީ ދޮގެއްކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ގިނަ ބަޔަކު އަންނަނީ ފަޒްނާގެ އެ ޓުވީޓާ ގުޅިގެން ފާރިސްއާ ސޯޝަލް މީޑިއާގައި ސުވާލު ކުރަމުންނެވެ. ފާރިސް ވަނީ އެއީ ދޮގެއްކަމަށް ބުނެ ގިނަ ބައެއްގެ ޓުވީޓުތަކަށް ރިޕްލައިކޮށްފަ އެވެ.
ފަޒްނާ ފާރިސް އަށް އެފަދަ ބޮޑު ތުހުމަތެއް ކުރައްވައި ޓުވީޓު ކުރައްވާފައިވާއިރު، އެކަމަނާ މީގެ ކުރިން 2012، އަދި 2013 ހިސާބުގައި ކުރައްވާފައިވާ އެފަދަ ގިނަ ޓުވީޓުތަކެއް މިފަހުން ވަނީ އަނެއްކާވެސް ފެންމަތިވާން ފަށާފަ އެވެ. އެގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ފަޒްނާ ވިދާޅުވެފައިވާ ޓުވީޓަކާއި އިސްލާމްދީނަށް ކުޑައިމީސްވާ ގޮތަށް ކޮށްފައިވާ ޓުވީޓުތައް ވެސް ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ފަޒްނާގެ ކުރީގެ ޓުވީޓުތައް މި ދުވަސްކޮޅު ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ދަނީ ފާޑުކިޔަމުންނެވެ.
ކުރީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމިގެން ދިޔަ ގޮތް ބެލުމަށް ރައީސް ޑރ.ވަހީދުގެ ސަރުކާރުން އުފެއްދި ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ) އިން އެ ހާދިސާއާއި ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓު ގެއްލިފައިވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި މަހު ވަނީ އިތުރުފުޅު ވެސް ހައްދަވާފަ އެވެ.
ރައީސް އިބްރާހީމް މިފަދައިން ވިދާޅުވި ނަމަވެސް ކޯނީގެ ރަސްމީ ވެބްސައިޓުގައި މިހާރުވެސް އެ ރިޕޯޓު ފެންނަން އެބައޮތެވެ. ކޯނީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުންނެއް ނޫނެވެ.