އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރި އަދި ތައުލީމު ހާސިލްކުރުން ފަދަ އިތުރު ކަންކަމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރޭ އދ. މަހިބަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ ޖަމާވަމުން އަންނަ ކަމަށެވެ.
އެކަމަކު މިހާރު ގާނޫނު އޮންނަ ގޮތުން އެ ފަންޑުގެ ފައިދާ ރަނގަޅަށް ނުކުރާކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ. އެ ފައިސާ މިހާރު ބޭނުންކުރެވެނީ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް އެކަންޏެވެ.
ރޭ މަހިބަދޫގައި ބޭޢްވި ޖަލްސާގައި ޑރ. މުއިއްޒު--- ފޮޓޯ/ ޕީޕީއެމް
އުމުރުން 65 އަހަރު ނުވަތަ 55 އަހަރުވުމުން ރިޓަޔާ ކުރާއިރު އެކަށީގެންވާ އަދަދެއްގެ ފައިސާ ޕެންޝަން ފަންޑުގައި ހުރިނަމަ ކޮންމެވެސް ވަރެއް ލިބުނު ނަމަވެސް އުމުރުގެ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ކުރި މަސައްކަތުން ޖަމާވެފައިވާ ފައިސާ އިން މާ ބޮޑު ފައިދާއެއް ނުކުރާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ޕެންޝަން ގާނޫނަށް ބަދަލު ގެންނަން ޖެހެނީ އެހެންވެ ކަމަށެވެ.
"މަޖިލީހުގެ އެހީތެރިކަމާ އެކީގައި ގާނޫނަށް ބަދަލު ގެނެސްގެން މި [ޕެންޝަން] ފަންޑުން އަމިއްލަ ގެދޮރު ބިނާކުރުމަށްޓަކާ ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރިން ކިޔަވަން ބޭރަށް ފޮނުވުމަށް ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް އަދި އަމިއްލަ ވިޔަފާރި ފެށުމަށްޓަކާ އިންވެސްޓްމަންޓެއްގެ ގޮތުގައި އެ މީހާ ޖަމާކުރި ފައިސާ އިން ކޮންމެ ވެސް ވަރެއް ނެގުމުގެ ފުރުސަތު ދިނުމަށް މިފަދަ ކަންކަމަށް ފަހިވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އަދި ޕެންޝަން ފައިސާ ދޭނީ 30 ނުވަތަ 40 އަހަރު މަޑުކޮށްފައި ނޫން ކަމަށާއި ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ މަދުވެގެން 10 އަހަރު ވުމުން އެ ކަންކަމަށް ފައިސާ ނެގޭނެ ގޮތް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން އިތުރު އިންވެސްޓްމަންޓްތަކަށް އެ ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.