Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ދައުލަތުން 3.4 މިލިއަން ޑޮލަރު ހޯދަން ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައިކޯޓަށް ބަލައިނުގަތް

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާކަމަށް ކަނޑައެޅި މައްސަލާގައި އެމަނިކުފާނުގެ އަތްޕުޅުން 3.4 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމައިފިއެވެ.

2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ރައީސް ޔާމީނުގެ މައްޗަށް އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމަކާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުން އެދުނު ފަދައިން ރައީސް ޔާމީނުގެ އަތްޕުޅުން މަނީ ލޯންޑަރިންގެ ތުހުމަތުވާ 1 މިލިއަން ޑޮލަރާއި އެ ފައިސާއާ އެއްކުރައްވާފައިވާކަމަށް ދައުލަތުން ބުނާ 2.4 މިލިއަން ޑޮލަރު ނަގައިދޭން ކޯޓުން ހުކުމާއެކު އަމުރެއް ނުނެރެއެވެ.

2022 ވަނަ އަހަރުގެ ޑިސެންބަރު 25 ގައި އެ މައްސަލައިގެ ހުކުމްކުރުމަށްފަހު، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ޕީޖީ އޮފީހުން ފޮނުވި ސިޓީއެއްގައި އެ 3.4 މިލިއަން ޑޮލަރާއި، އެ ފައިސާ އިންވެސްޓުކޮށްގެން ލިބިފައިވާ ފައިދާ ނަގައިދިނުމަށް އެދި ސިޓީއެއް ކުރިމިނަލް ކޯޓަށް ފޮނުވުމުން، ކުރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުނެވެ.

އެ އަމުރު ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރައްވައި، އެ އަމުރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ފާހަގަކުރައްވައި، އަމުރު ބާތިލުކުރުމަށް އެދިވަޑައިގަތެވެ. އެގޮތުން އެފަދަ އަމުރެއް ނެރޭނަމަ އެ އަމުރަކީ ހުކުމުގައި ހިމެނެންޖެހޭނެ އަމުރެއް ކަމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި ފާހަގަކުރެއްވިއެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު އެ އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅާފައިވެއެވެ. އެއީ މި އަހަރުގެ އޭޕްރީލު މަހުގެ 11 ވަނަ ދުވަހުއެވެ.

އެ އަމުރު ބާތިލުކުރުމާ ގުޅިގެން މޭ މަހުގެ 22 ވަނަ ދުވަހުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ކުރިމިނަލް ކޯޓުން ޑިސެންބަރު 2022 ގައި ގޮތެއް ނިންމި އާރަށު މައްސަލައިގެ އިސްތިއުނާފު މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅީ އިސްތިއުނާފުކުރުމަށް ކަނޑައެޅުނު މުއްދަތުގައި އިސްތިއުނާފުނުކުރެވުނީ އަމިއްލަ ބާރުނުފޯރާ ސަބަބެއް މެދުވެރިގެންކަމަށް ބުނެއެވެ.

ޕީޖީން ބުނެފައިވަނީ ދައުލަތުން ނަގައިދޭން އެދޭ ފައިސާއަކީ ހުކުމް ކުރާއިރު ނަގައިދިނުން ލާޒިމު ފައިސާއެއްކަން ޤާނޫނުތަކުގެ ނައްސުން ސާފުކޮށް އެނގެން އޮތް ކަމަށާއި، އަދި އެ ފައިސާ ނެގުމުގެ ވާހަކަތައް ދައުވާގައި ފާހަގަކޮށްފައިވަނިކޮށް އެކަމާމެދު ވާހަކަދެއްކުމަަށް ފުރުސަތު ނުދީ، ފައިސާ ނެގުމުގެ އަމުރު ނެރެވެން ނެތް ސަބަބެއްވެސް ބަޔާންނުކޮށް އެ މައްސަލަ ނިންމީ އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް ދަށު ކޯޓުން ނިންމާ ނިންމުންތަކަކީ އިސްތިއުނާފު މުއްދަތުގެ ފަހުން އިސްތިއުނާފު ބަލައިގަތުން ހުއްދަކުރާ ސަބަބެއްކަން ސުޕްރީމް ކޯޓުގެ ނިންމުންތަކުން އެނގެން އޮތްކަމުގައިވެސް ޕީޖީން ބުންޏެވެ.

އަދި އެ އަމުރު ނެރެފައި ނެތުމުން އެކަން ކުރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައުމުން، އެ ކޯޓުން އަމުރެއް ނެރުމުން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ބޭނުމެއް އޮތްކަމަށް އެވަގުތު ޕީޖީ އޮފީހަށް ޤަބޫލުނުކުރެވުނު ކަމުގައިވެސް އެ އޮފީހުން ބުންޏެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލުކުރުމާއެކު، އިސްތިއުނާފު މުއްދަތު ފަހަނައަޅައި ދިއުމުގެ ހާލަތު މެދުވެރިވީ ކުރިމިނަލް ކޯޓުން ކަންކުރި ގޮތުންކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހައިކޯޓުން މި އިސްތިއުނާފާމެދު ގޮތެއް ނިންމުމުގައި ފާހަގަކޮށްފައިވަނީ ފާޅުކަން ބޮޑުކޮށް އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް ދަށު ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފީ މުއްދަތު ފަހުން ބަލައިގަތުމުގައި، އެ ނިންމުން ބިނާވީ ޚަޞްމަކު ހެދި މަކަރަކާއި ހީލަތެއްގެ މައްޗަށް ކަމުގައިވުން، ނުވަތަ ދޮގު ހެއްކެއްގެ މައްޗަށް ވުން ނުވަތަ ހުށަހެޅި ދޮގު ލިޔުމެއް ނުވަތަ މުސްތަނެއްދެއްގެ މައްޗަށް ކަމުގައިވުން ނުވަތަ ކަނޑައެޅިގެން ދައުވާ ސާބިތުކުރަނިވި ލިޔުމެއް ހިފަހެއްޓުމުގެ މައްޗަށް ކަމުގައިވުން ފަދަ ސަބަބުތަކަކީ ބާރު ނުފޯރާފަދަ މަޤުބޫލު އުޒުރެއްކަމުގައި ބަލައި، އިސްތިއުނާފުގެ މުއްދަތުގެ ފަހުން މައްސަލަ ބަލައިގަނެވިދާނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ކަމަށެވެ.

އިތުރަށް ހައިކޯޓުން ފާހަގަކުރީ ޤާނޫނާ ޚިލާފުވެ އިންސާފުގެ ހަމަތަކުން ބޭރުވުމަކީ، އެ ހުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުގެ ދޮރު ތަނަވަސްކޮށް ހުޅުވިފައި އޮތް ސަބަބެއްކަމަށެވެ. އަދި އިންސާފަށް ހުރަސްއެޅޭ ގޮތަށް ހުކުމެއް ބިނާވުމަކީ މައްސަލައެއް އިސްތިއުނާފުގެ މުއްދަތުގެ ފަހުން ބަލައިގަތުމަށް މަޤުބޫލު ސަބަބަކަށްވާނީ، އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުން ލިބޭ ހެއްކެއް ނުވަތަ ޤަރީނާއަކުން ދަށު ކޯޓުގެ ހުކުމް ބިނާވީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށްކަން ފާޅުވުމުން ކަމަށެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުގެ ނިންމުން ގޯސްކަމަށް ޕީޖީން ދެކޭ ސަބަބުތަކަކީ މައްސަލަ ނިންމިއިރުވެސް އެގޮތުގައި ހުރި ސަބަބުތަކެއްކަމާއި، އެއީ ފަހުން އައު ހެއްކަކުން ފާޅުވި ކަންކަން ނޫންކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކުރިއެވެ. އަދި މި މައްސަލާގައި ދައުލަތުން އިޖުރާއާތެއް ނަހަމަ ގޮތުގައި ބޭނުންކުރިކަން ފެންނަން އޮތްކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

"ދައުލަތުގެ ކުރިމަތީގައި އިސްތިއުނާފުކުރުމުގެ ސާފު މަގެއް އޮއްވައި، އަދި އެއްގޮތް މައްސަލަތަކުގައި ދައުލަތުން ޚިޔާރުކުރާ މަގަކީވެސް އިސްތިއުނާފުގެ މަގުކަމަށްވާއިރު، މި މައްސަލާގައި ފެންނަން އޮތް ސާފު މަގު ދޫކޮށް، ޤާނޫނު ނުދަންނަ އިޖުރާއަތަކަށް އަމަލުކުރުމުގެ ސަބަބުން އާޚިރުގައި ނިކުތް ނަތީޖާއަކީ އިސްތިއުނާފުގެ ދޮރު ބަންދުވުން،" ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އަދި ޤާނޫނާ ބީރައްޓެހި މަގެއް އިޚުތިޔާރުކުރުމުގެ ސަބަބުން އިސްތިއުނާފުގެ ދޮރު ބަންދުވުމުގެ ޒިންމާ އުފުލަންޖެހޭނީ ދައުލަތުންކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.

އަދި މި މައްސަލާގައި އިސްތިއުނާފު ލަސްވުމުގައި ޕީޖީ އޮފީހުގެ ހެޔޮ ނިޔަތެއް އޮތްކަން ނުފެންނަ ކަމަށާއި، އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް އޮތްކަމުގައިވެސް ބެލެވެން ނެތްކަމަށް، އެހެން ފަނޑިޔާރުން ތާއީދުކުރެއްވި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔުގައި ބަޔާންކުރެއްވިއެވެ.

އެއާއެކު ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ހުޒައިފާ އަދި ފަނޑިޔާރު ހުސައިން ޝަފީޢާއި ފަނޑިޔާރު މުހައްމަދު ސަލީމު ނިންމަވާފައިވަނީ މި މައްސަލާގައި ޕީޖީ އޮފީހުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ހައިކޯޓަށް ބަލައިގަނެ އެ މައްސަލަ ކުރިއަށްގެންދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ