ދެކުނު ކޮރެއާގައި ރެއިލްވޭ ތަކުގައި މަސައްކަތްކުރާ ތޭރަ ހާހެއްހާ މަސައްކަތްތެރިން ފާއިތުވި ހަތަރު އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހަޅުތާލެއް ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މިހަޅުތާލުގެ ސަބަބުން މޫސުމީ ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފަސިންޖަރުންނާއި ކާގޯ ރޭލު ދަތުރުތައް 60 އިންސައްތަ އަށް ދަށްވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮރެއަން ރޭލްވޭ ވޯކާސް ޔޫނިއަނުން އެދެނީ މުސާރަ އާއި މަސައްކަތުގެ ހާލަތު ރަނގަޅުކޮށް، އެމީހުންގެ އަސާސީ ހިދުމަތް ފުޅާކުރުމަށެވެ.
ދެކުނު ކޮރެއާގެ ސެމިކޮންޑަކްޓަރުތަކާއި ކާރު ފަދަ އެކްސްޕޯޓު ކުރާ މުހިންމު ބާވަތްތައް ރޭލަށް ބަރޯސާ ނުވުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ އިރު، ސިމެންތި، ސްޓީލް އަދި ޕެޓްރޯކެމިކަލް ފަދަ ދާއިރާތަކުގެ ބައެއް އޮފިޝަލުން ވަނީ ދިގު މުއްދަތަކަށް ވޯކްއައުޓް ނުކުރުމަށް އިންޒާރު ދީފަ އެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ހަޅުތާލު ކޮށްފައި މިވަނީ ޔޫނިއަން އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސަރުކާރު ރޭލު އޮޕަރޭޓަރު ކޮރެއާ ރޭލްރޯޑް ކޯޕަރޭޝަން (ކޮރެއިލް) އާ ދެމެދު ބުދަ ދުވަހުގެ ރޭ ބޭއްވި މަޝްވަރާތައް ރޫޅިގެން ދިއުމާ ގުޅިގެންނެވެ.
އެ ޔޫނިއަނުން ތުހުމަތުކުރާ ގޮތުގައި ދެ ރޭލު އޮޕަރޭޓަރުންގެ މެދުގައި ފައިދާ ހުރި މަގުތައް ބަހާލައިގެން އާންމުންގެ އޮޅުންބޮޅުންތަކާއި ގޮނޑިތަކުގެ ދަތިކަން ސަރުކާރުން އުފައްދަމުން އަންނަ ކަމަށާއި، އެ މަގުތައް އިންޓަގްރޭޓް ކުރަން ޖެހޭނީ ހަރަދު ކުޑަކޮށް އެފިޝިއެންސީ އިތުރުކުރުމަށް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޔޫނިއަންގެ މި ވާހަކައާއި ހަޅުތާލަކީ ގާނޫނާ ހިލާފު ހަޅުތާލެއް ކަމަށް ބުނެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.