ރާއްޖޭގެ ރަށްތަކުގައި މިހާރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ މަޝްރޫއުތައްވެސް ހުއްޓާ ނުލައްވާނެކަމަށާއި މިހާރަށްވުރެވެސް ފުރިހަމައަށް ކުރިއަށް ގެންދަވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފުޅަދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ އެހެން ރަށްތަކެކޭ އެއްފަދައިން ބޮޑުފުޅަދޫގައި ހިންގަމުންދާ ހުރިހާ މަޝްރޫއުއަކީވެސް ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ހާއްސަ ސަމާލުކަމެއް ދީގެން މިހާރަށްވުރެވެސް ރަނގަޅުކޮށްދީގެން ރައްޔިތުންނަށް ބޭނުންވާގޮތަށް ތަރުތީބުކޮށްގެން ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންގޮސްދޭނެ މަޝްރޫއުތަކެއްކަމަށެވެ.
އެގޮތުން ރަށުގެ ތަރައްގީއަށްޓަކައި ހިންގަމުންދާ ހުރިހާކަމަކީ ހުއްޓާލުމެއް ނެތި ކުރިއަށް ގެންގޮސް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކުރިއަށް ގެންގޮސްދޭނެ މަޝްރޫއުތަކެއްކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.
މިކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ރަށް ބޭނުންވާވަރަށް ބިން އިތުރުވެގެން ދިއުމަކީ ރަށުގެ އުންމީދުތަކާއި ޒުވާނުންނާ ކަނބަލުންނާއި އެކިއެކި ވިޔަފާރިތައް ކުރާ ފަރާތްތަކާ ގުޅިފައިވާ ކަމެއްކަމަށެވެ.
އެފަދައިން ބިން އިތުރުކުރުމުން ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެކިކަހަލަ ދަނޑުތައް އެޅިގެން ދާނެކަމަށާއި އެހެންވެ ރަށް ބޭނުންވާ ވަރަށް ބިން އިތުރުކޮށް ކުޅިވަރުގެ އެކިކަހަލަ ފެސިލިޓީސްތައް ގާއިމްކޮށްދިނުމަކީ އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމެއްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރަށް ކްލާސްރޫމް ޖާގަ ސްކޫލަށް އިތުރުކުރުމަކީ ތައުލީމީ ނިޒާމަށް ބޭނުންވެފައިވާކަމެއްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ބޮޑުފުޅަދޫއަށް ބޭނުންވާ ވަރަށް ސްކޫލަށް ޖާގަ އިތުރުކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން ޓޫރިޒަމްއާ ގުޅޭ އެކި ކަހަލަ ވައުދުތަކާއެކު ޑރ. މުއިއްޒު ވަނީ ތަރައްގީއާ ގުޅިފައިވާ ކަންކަން އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ޕީޕީއެމް ޕީއެންސީގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުއްވާފައެވެ.