އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބެން އިނީ 29 އިންސައްތަ, ކަމަށާއި އިތުރު 7 އިންސައްތަ ލިބުނީ ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ ސެލެބްރިޓީ ފާތިމަތު ޒަޔާން (ކައިޒީން) އައުމުން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސައިޒު މިހާރު ވެސް ހުރީ 29 ޕަސެންޓްގައި ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރުވެސް ހުރީ 29 އިންސައްތައިގަ ހެން. ކައިޒީން ދުރުވި ކަމުން 38 އަށް އެރީވެސް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޑިމޮކްރެޓްސްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން "އެމްޑީޕީގެ ސައި 29 އިންސައްތައަށް ވައްޓާލާނެ" ކަމަށް ބުނެ ޑިމޮކްރެޓްސްގެ އެކްޓިވިސްޓެއް ޓްވީޓް ކުރުމާއި ގުޅިގެންނެވެ.
އެމްޑީޕީއިން އުންމީދު ކުރީ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން އެމްޑީޕީއާ ކޯލިޝަން ހަދާނެ ކަމަށެވެ. ނަމަވެސް އެޕާޓީން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ގިނަ މެމްބަރުން އިއްތިފާގުވެފައި ވަނީ "އިބޫ ނޫން" ގޮތަކަށެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ދެވަނަ ބުރުގައި ރައީސް ނަޝީދާއި "ދަ ޑިމޮކްރަޓްސް" އިން އެއްވެސް ބަޔަކާ ކޯލިޝަން ނަހަދާނެއެވެ.