Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

ޓާރންއައުޓުގެ ވާހަކަ ދައްކަނީ ރަނގަޅު ނިޔަތެއްގައެއް ނޫން: ޑރ.އަހުމަދު

އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވި ފަރާތްތަކުން ތަކުރާރުކޮށް ޓާރންއައުޓުގެ ވާހަކަ ދައްކަނީ ރަނގަޅު ނިޔަތެއްގަ ނޫން ކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި ޕާޓީތަކުންނާއި ރައްޔިތުން މިކަމުގައި ސަމާލުވެ ތިބުން މުހިންމުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވި ވަރަށް މީގެ ކުރިން ބޭއްވި އެއްވެސް އިންތިހާބެއްްގައި މަދުވެފައި ނުވާ ކަމަށާއި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރަން މަސައްކަތް ކޮށްފި ނަމަ އެކަން ރަނގަޅުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓުގައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ޓާރންއައުޓުގެ ވާހަކަ، އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވި ފަރާތްތަކުން ތަކުރާރުކޮށް ދައްކަނީ ރަނގަޅު ނިޔަތެއްގަ ނޫން ކަން އެނގޭ ފުރަތަމަ ކަމަކީ ނިސްބަތުން ޓާރންއައުޓު ދަށް ނުވުމެވެ.

ދެވަނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިންތިޚާބުގައި ވޯޓުދިނުމަކީ ޙައްޤަކަށް ވާއިރު، ތަފާތު ސަބަބުތަކަށްޓަކައި އެ ޙައްޤު ޕްރެކްޓިސް ކުރަން ބޭނުންނުވާ ބަޔަކު ތިބެދާނެ ކަމަށާއި އެއީ އެކަން މުޅިދުނިޔޭގައިވެސް އޮންނަގޮތް ކަމަށް ވުމެވެ.

އަދި ތިންވަނަ ސަބަބެއް ކަމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ "ދުނިޔޭގެ ބައެއް ޚުދުމުޚުތާރު ނިޒާމުތަކުގައި ޢަމަލުކުރާގޮތަށް، ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑި އިތުރުކޮށް، ވޯޓުލާން ނުދާ މީހުން ދަނެގަނެ، ނާޖާއިޒު ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުން ވަކި މީހަކަށް ވޯޓު ލުމަށް މަޖްބޫރު ކުރުވުމަކީ އިންޞާފުވެރި އިންތިޚާބެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން" ކަމަށެވެ.

"އުފެދޭ ސުވާލަކީ، ބުނެވުނުފަދަ، ކޮރަޕްޓް ވަސީލަތް ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާޔަށް ނުފޫޒު ފޯރުވަން ފުރަތަމަ ބުރުން ބަލިވި ފަރާތްތަކުން ރާވަނީ ބާވައެވެ. އިލެކްޝަންސް ކޮމިޝަނާއި ޕާޓީތަކުންނާއި ރައްޔިތުން މިކަމުގައި ސަމާލުވެ ތިބުން މުހިއްމު!" ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕޭންޓީމްތަކާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާޙިމް ވިދާޅުވެފައިވަނީ މީގެ ކުރިން ބޭއްވި ކޮންމެ އިންތިހާބެއްގައި، ވޯޓުލުމުގެ ހައްގު އޮތް މީހުންގެ 87 ޕަސެންޓުން ފެށިގެން 90 ޕަސެންޓާ ހަމައަށް ވޯޓުލާފައިވާ ކަމަށެވެ. މިފަހަރުގެ އިންތިހާބުގައި 80 ޕަސެންޓް މީހުން ވެސް ވޯޓުލާން ނުނިކުންނަ ކަމަށެވެ.

ވޯޓުލާން މީހުންނަށް ނުނިކުމެވުނު ސަބަބު ދެނެގަންނަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް ވިދާޅުވީ އެމީހުންނަށް ވޯޓުލާން ނުދެވުނީ ދަތުރު ހަމަޖައްސައިނުދެވިގެންތޯ ނުވަތަ ގަޑިއަށް ފަރުވާކުޑަކުރެވިގެންތޯ ބަލަން ޖެހޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ