ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލައިގައި ހުކުމް ކުރުން އަވަސްކޮށްދިނުމަށް އެ މައްސަލަ ހުށަހެޅި "ދިޔަރެސް" ނޫހުން ހައިކޯޓުގައި އެދިއްޖެ އެވެ.
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރު "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން، ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން މައުލޫމާތު ހާމަކުރަން ދެކޮޅު ހެދި އެވެ.
އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގައި އިލްތިމާސް ކުރުމުން މައްސަލަ ބެލުމަށްފަހު އައިކޮމް އިން ޑިފެންސްގެ ނިންމުމަށް ތާއީދުކުރި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެހެންވެ އެވެ.
"ދިޔަރެސް" އިން މިއަދު ހައިކޯޓަށް ފޮނުވި ސިޓީގައި ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުކުރި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ގަޒިއްޔާގެ ހުރިހާ އަޑުއެހުމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ފައިސަލާ ކުރަނިވި ނިޔާއެއް އިވުމާ ހަމައަށް މައްސަލަ ގޮސްފައިވާ ކަމަށެވެ.
"މި މައްސަލައަކީ ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އެކުލެވޭ މައްސަލައަކަށްވުމާއެކު، މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާތީ ވީހާވެސް އަވަހަށް މައްސަލަ ނިންމަވައިދެއްވުން އެދި ދެންނެވީމެވެ،" ހައިކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އެކިހިސާބުތަކުގައި އިންޑިއާ ސިފައިން ޤާއިމްވެގެން ތިބިއިރު އެ ސިފައިންގެ އަދަދު ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. އެ މައްސަލައިގައި ހައިކޯޓަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ލިޔުމުން ހުށަހަޅާފައިވާ ޖަވާބުގައި ބުނެފައިވާގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ އަދަދު ހާމަވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެކެވެ.
މިގޮތުން ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް އެހެން ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެ މައުލޫމާތު ހާމަވެއްޖެނަމަ ކާޑުގެ ބާވަތްތައް ފަދަ އަސާސީތަކެތި ލިބުމުގައި ދަތިވުމާއި، އިންޑިއާއިން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ އެހީތަކަށްވެސް ހުއްޓުމެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު އެނގިއްޖެނަމަ، އެހެން ޤައުމުތަކުންވެސް އެ އަދަދަށް ސިފައިން ބައިތިއްބަން އުޅެފާނެކަމަށް އެ ޖަވާބުގައި ބުނެފައިވެއެވެ.