މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް 1 ދުވަހަށް ވެފައިވަނިކޮށް އާބަންކޯގެ 300 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން ފަޅާއަރައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ދުވަހުގެ ވޯޓުލުން އޮތީ ސެޕްޓެންބަރު 9 ވަނައަށްވީ ހޮނިހިރުދުވަހުއެވެ. ސެޕްޓެންބަރު 7ވަނައަށްވީ ބުރާސްފަތިދުވަހުގައި އާބަންކޯއިންވަނީ އެ ކުންފުނީގައި މަސައްކަތްކުރާ 300 އެއްހައި މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައެވެ.
"ދިޔަރެސް"އަށް ފެނިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން 380 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ހަމަޖައްސައި އެކަން އާބަންކޯއިން އެ މުވައްޒަފުންނަށް އަންގާފައިވެއެވެ.
އާބަންކޯގެ އިސް މުވައްޒަފަކު ނަން ނުޖެހުން ޝަރުތުކޮށް ވިދާޅުވި ގޮތުގައި އާބަންކޯއިން ވަޒީފާގެ ކުރިއެރުން ހަމަޖެއްސި މުވައްޒަފުންނަކީ ވަޒީފާގެ ކުރިއެރުން ލިބުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދޭން އެއްބަސްވި މުވައްޒަފުންނެވެ.
އަދި ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ވިދިގެން މިހާރު އަނެއްކާވެސް ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިތުރު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމަށް މެނޭޖުމެންޓުން މަސައްކަތްކުރަމުން އަންނަކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ 46 އިންސައްތައެވެ. ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އެހެން ޕާޓީތަކާއެކު މަޝްވަރާކުރައްވައި، ކޯލިޝަން ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.