Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ސަލަފާ ގުޅުވައިގެން ވާހަކަދައްކާ އެމްޑީޕީ މެންބަރުންގެ އަނގަ ބަންދުކޮށްލައިފި

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ސަލަފް ޖަމިއްޔާއާއި ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދައްކާ އެމްޑީޕީ މެންބަރުންނަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަދައްކަވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ "ޕީއެންސީ- ސަލަފް" ގެ ކެންޑިޑޭޓެއް ކަމަށް ބުނެ އެވެ. އަދި ސަލަފަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށް ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ރައްދުދެއްވައި މެންބަރު މޮސްޓާ ވިދާޅުވީ ސަލަފަކީ ކުށްވެރިންނާއި ޓެރަރިސްޓުން ތިބި ޖަމިއްޔާއެއް ކަމަށް ރާއްޖޭގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ޖަމިއްޔާގައި ތިބީ އިލްމުއުނގެނިވަޑައިގެން ތިއްބެވި މޮޅެތި ދީނީ އިލްމުވެރިން ކަމަށެވެ.
ޑރ. މުއިއްޒުގެ ވެރިކަމެއްގައި ސަލަފަށް އިސްލާމިކް މިނިސްޓްރީ ހަވާލުކުރާނެ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކާ ގުޅިގެން މޮސްޓާ ވަނީ ސަލަފަށް އެ މިނިސްޓްރީ ހަވާލުކޮށްގެން ވާނެ ގެއްލުމަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.
"ކޮބައިތޯ ސަލަފަށް އިސްލާމިކް މިނިސްޓްރީ ދީފިއްޔާ އޭގެންވާ ގެއްލުމަކީ؟ ކިޔަވައިގެން ތިބި ރަނގަޅު ބޭފުޅުން އޭގަ [ސަލަފްގަ] ތިބީ. ޑރ. އަލީ ޒާހިރުމެން ކަހަލަ ހަމަ. މިތާ ތިބޭ ލާދީނީ މީހުންނަށް މި ގައުމުގައި ތިބޭ ލާދީނީ މީހުންނަށް މަތީ މަގާމުތައް ލިބެންޏާ ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއްގައި އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަގާމެއް ލިބިދާނެތީ މިހާ ބިރުން ކޮން ކަމަކާތޯ މިއުޅެނީ ރާއްޖޭގައި އިސްލާމްދީން އޮވެދާނެތީތޯ މިމީހުން [އެމްޑީޕީން] މިއުޅެނީ،" މޮސްޓާ ވިދާޅުވި އެވެ.
"އެމީހުން [ސަލަފް] އަޔަސް ހަމަ މިތާނގައި އޮންނާނީ އިސްލާމްދީން، އެހެން ކަމެއް ނުވާނެ، ބަދަލެއް ނުވާނެ. އާން ލާދީނީ މީހުންނަށް ފުރުސަތު ހަނިވެދާނެ މިތަނުގައި [ސަލަފް އައީމަ]. ލާދީނީ މީހުން ދީނަށް ފުރައްސާރަކުރަން، ބޭނުންހާ އެއްޗެއް ކިޔަން އެ ފުރުސަތު ނުލިިބިދާނެތީ އެކަމާ ބިރުގަންނަ ބަޔަކު މިތަނުގައި މިއުޅެނީ."
ސަލަފް އިސްލާމިކް މިނިސްޓްރީއާ ހަވާލުވެދާނެތީ އެމްޑީޕީން ބިރުން އުޅެނީ ލާދީނީ މީހުންނަށް ފުރުސަތު ނުދޭނެތީ ކަމަށް މޮސްޓާ ވިދާޅުވި އެވެ. ސަލަފަކީ ސިޔާސީ ކަންކަމަށް ވަދެގެން އުޅޭ ޖަމިއްޔާއެއް ނޫން ކަމަށާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވޯޓު ލުމާއި ބާރުވެރި މަގާމުތަކުގައި ތިބުމުގެ ފުރުސަތު ސަލަފުގެ ކޮންމެ މެންބަރަކަށްވެސް ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ވަކި ބަޔަކަށް ނިސްބަތްވާތީ، ވަކި ގޮތަކަށް އުޅޭތީ އެ މަގާމުތަކަށް އާދެވިފަ، ވަކި ގޮތަކަށް ނިސްބަތްވާތީ، ވަކި ގޮތަކަށް ވަކި ހެދުމެއް ލާތީ ނާދެވިފަ، އެ އުސޫލެއް ނޫން މިތަނުގައި އޮންނަން ޖެހޭނީ. އޮރިޔާމުން ތިބޭ މީހުންނަށް [މަގާމުތަކުގައި] އުޅެވޭ ކަމަށް ވެއްޖިއްޔާ އައުރަ ނިވާކޮށްގެން މޫނު ނިވާކޮށްގެން ތިބޭ މީހުންނަށް ވެސް އުޅެވެން ޖެހޭނެ ރަނގަޅަށް އެމީހަކު ބޭނުންވާ ވަޒީފާއެއްގައި،" މޮސްޓާ ވިދާޅުވި އެވެ.
"އޮރިޔާމުން ތިބޭ މީހުން ހަމަ ތަންތަނަށް ދަނީ، ބޭނުން އެއްޗެއް ލައިގެން ބޭނުން ގޮތަކަށް އުޅެނީ. އެއީ މައްސަލައެއް ނޫން އެކަމަކު މޫނު ބުރުގާ އަޅައިފިއްޔާ ވަރަށް ބޮޑު މައްސަލައެއް. ކަންދަހާރަށް ވާނެ، ކަންދަހާރަށް ވީމަ ކޮބާތަ މައްސަލައަކީ، މިތަން ވާންވީ ސަދޫމަށްތަ؟ މިތަން ވާންނީ އެހެން ނޫންނީ ބެންކޮކަށްތަ؟ ހަށިވިއްކާ މީހުންގެ ތަނަކަށްތަ ވާންވީ މިތަން؟ އެ އުސޫލުންތަ މިތަން ހިންގަން ބޭނުންވަނީ؟."
މޮސްޓާ ވިދާޅުވީ އެ އުސޫލުން އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ގެންދަން ރާއްޖެއަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށް ވާއިރު ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ސަލަފާއި ހަރުކަށި ފިކުރާއި އިދިކޮޅު ކެންޑިޑޭޓާ ގުޅުވައި ވާހަކަދެއްކުން ހުއްޓާލުމަށް މޮސްޓާ ސިޔާސީ ފަރާތްތަކަށް ގޮވައިލެއްވި އެވެ.
މި ލިއުމާއި ގުޅޭ