Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ސޯޝަލް ހައުސިންގ ޔުނިޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކޮށް މުއިއްޒު ވިދާޅުވީ، މިސަރުކާރުން ތަކެތީގެ އަގު ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންނަށް ލިބިފައިވާ ތަންތަނަށް ކުލި ދެއްކުން ދަތި އުނދަގޫ ކަމަކަށް ވެފައިވާ ކަމަށާއި ކުލި ނުދައްކާ ލަސްވުމުން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މާފުކުރާނެ ކަމަށެވެ.

"ކުލި ދެއްކުމުގައި ވަރަށް ދަތިތައް ދިމާވެފައި މިވަނީ، ވަރަށް ބޮޑަށް ޖޫރިމަނާ އަރާފައި މިވަނީ ކުލި ދެއްކުން ލަސްވެގެން. އޯގާތެރި ސަރުކާރެއް ޤާއިމުކުރަން މިއަންނަނީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ސޯޝަލް ހައުސިން އެއްވެސް ސްކީމެއްގެ ދަށުން ދައްކަން ޖެހިފައިވާ އަގު ދެއްކުމުގައި އެ ދިމާވެފައިވާ ދައްޗެއްގެ ސަބަބުން ނުދެއްކި ލަސްވެގެން އަރާފައި ހުރި ޖޫރިމަނާތައް އެއްކޮށް މާފުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލި ނުދެއްކި ލަސްވަމުންދާތީ ގިނަ އަދަދެއްގެ ފައިސާ ވަނީ ޖޫރިމަނާގެ ގޮތުގައި އަރާފައެވެ. އެހެންކަމުން އެ ޖޫރިމަނާ ފައިސާ މާފުކޮށް ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެނިފެސްޓޯގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ފާހަނގަކޮށްފައިވާނެ ކަމަށާއި އޭނަގެ ސަރުކާރެއްގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އަދަދަކަށް ކަނޑައަޅާފައި ފްލެޓް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އަދަދަކަށް ކަނޑައަޅާ ފްލެޓްތައް ދީފައިވީނަމަވެސް އެ ފްލެޓްތަކަކީ އެކަމަށް ހާއްސަކޮށް ޑިޒައިން ކުރެވިފައިވާ ތަންތަނެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭނަގެ ސަރުކާރެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް އެފަރާތްތަކަށް ބޭނުންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ފްލެޓް އަޅުއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި ދެން އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވޭ ފްލެޓްތަކަކީ އިންޓަރނޭޝަނަލް މިންގަނޑުތަކަށް ފެތޭގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮތަށް ޑިޒައިން ކުރެވިފައި ހުރި ފްލެޓްތަކަށްވާނެ." މުއިއްޒު ވިދާޅުވިއެވެ.އަދި ހަމައެއާއެކު ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ރައްޔިތުން އަތުން ދިޔަ ޚަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި ކޮންމެ އިމާރާތެއްގައި އިތުރު ލިފްޓެއް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން އެއްވެސް މީހަކަށް ދީފައިވާ ވަޒީފާއެއް ނުވަތަ ގޯއްޗެއް ވިޔަސް އަނބުރާ އަތުނުލާނެ ކަމަށާއި ފަށާފައިވާ މަޝްރޫޢުތައް ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެކިއެކި ސިނާއަތްތަކުން ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށާއި މެދުފަންތި އާއި ކުދި ފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ރައްޔިތުންގެ ޖީބުތައް ފުރާލާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ