Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ލައްކައަކަށްވުރެ ގިނަ ކުދިން ވަނީ ހާލުގައި ޖެހިފައި: ޔުނިސެފް

މިދިޔަ ހުކުރު ދުވަހު މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ލައްކައަކަށް ވުރެ ގިނަ ކުދިންނަށް އަސަރުކޮށްފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ އެޖެންސީ (ޔުނިސެފް) އިން ބުނެފި އެވެ.
"ޔުނިސެފަށް މަރުވި ކުދިންނާއި ޒަހަމްވި ކުދިންގެ ސީދާ އަދަދު އަދި ނޭނގުނު ނަމަވެސް، 2022 ވަނަ އަހަރުގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މޮރޮކޯގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކުދިން ތަމްސީލު ކުރަނީ ކުޑަކުދިން،" އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން މަރަކޭޝް އާއި ހައި އެޓްލަސް ފަރުބަދަތަކާއި ހިސާބުން ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ.ގެ އަންދާޒާތަކުން ދައްކައެވެ.
އެ ގައުމުގެ ދާޚިލީ ވުޒާރާއިން ބުނީ ކުޑަކުދިންނާއެކު މިހާތަނަށް 2800 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބިރުގަންނަނީ މި އަދަދުތައް އިތުރުވުމުގެ ފުރުސަތު އޮތުމުންނެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ބިންހެލުމަކީ މަރަކޭޝްގެ ހުޅަނގު ދެކުނުން 75 ކިލޯމީޓަރު ދުރުން 18.5 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށްވާ މަރަކެޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމާ ގުޅިގެން ތިން ވަނަ ދުވަހަށް ވެސް ކުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ބޭރުގެ ބައެއް ރެސްކިއު ޓީމުތައް މިހާރުވެސް ވަނީ އެގައުމަށް ގޮސްފަ އެވެ.
މޮރޮކޯއިން މިހާތަނަށް ވަނީ ސްޕެއިން، އިނގިރޭސިވިލާތް، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެ ހުށަހެޅުންތައް ބަލައިގެންފައެވެ.
މިދިޔަ އާދީއްތަ ދުވަހު މޮރޮކޯ ސަރުކާރުން ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ހޯދުމަށް ޓްރެޜަރީ އާއި މޮރޮކޯގެ ސެންޓްރަލް ބޭންކްގައި ހާއްސަ އެކައުންޓެއް ތައާރަފްކޮށްފަ އެވެ.
މޮރޮކޯގެ ނޭޝަނަލް ޖިއޮފިޒިކަލް އިންސްޓިޓިއުޓުން ބުނި ގޮތުގައި މި ބިންހެލުމަކީ ފާއިތުވި ގަރުނުގައި އުތުރު އެފްރިކާގެ އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމުގައެވެ.
މި ލިއުމާއި ގުޅޭ