ސަރުކާރުން ދޭ ހިއްސާއެއްގެ ބޭނުމުގައި ސަރުކާރު ހިންގާ އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސްގެ ވިސްނުމެއް ނެތް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ކުދި ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ސަރުކާރުން ކޮންމެވެސް ޕަސެންޓެއް ނުވަތަ ވަޒީފާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެޕާޓީ ތަކަކީ ގައުމާ މެދު އެއްވެސް "ވިޝަން"އެއް އޮވެގެން އިންތިޚާބުތަކުގައި ވާދަކުރާ ޕާޓީތަކެއް ނޫން ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ މިހާރު ކުރިއަށްދާ ކައުންސިލް ބައްދަލުވުމުގައި އެކަމަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ އެފަދަ އެދުމެއް އޮތް ނަމަ ޑިމޮކްރަޓުން ތިބޭނީ އެމީހުންގެ ބުރަ މަސައްކަތުން ގެނައި އެމްޑީޕީގެ ވެރިކަމުގައި, އެމީހުންނަށް ތާއީދުކޮށް ސަރުކާރު ހިންގުމުގައި ކަމަށެވެ.
ނަމަވެސް އެސަރުކާރުގެ ތެރެއިން ވަކިވެ ޕާޓީއެއް އުފައްދައި މަސައްކަތް ކުރަން މަޖުބޫރުވީ ސަރުކާރު އައި މަގުސަދު ހަނދާން ނައްތާލައި އެމްޑީޕީގެ އަސާސްތަކާ ދެކޮށް ރައީސް އިބްރާހިމް މަސައްކަތް ކުރައްވަން ފެއްޓެވުމުން ކަމަށް ވައްޑެ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން އަރުވަން އަޅުގަނޑުމެން ސަރުކާރެއްގެ ތެރެއިން ހޯދާ ބަޔަކަށްޓަކައި ހޯދާ ހިއްސާ އަކަށްޓަކައި ސަރުކާރެއްގައި ތިބޭނެނަމަ މިހާރު ހިނގަމުން މިދާ ސަރުކާރަކީ އަޅުގަނޑުމެން މާބުރަ މަސައްކަތް ކޮށްގެން ހުސް އަޅުގަނޑުމެންގެ ގާތް ރައްޓެހިންތިބި ސަރުކާރުކާރަކުން ވަކިވީ ހަމަޔަކާ އުސޫލުތަކެއް ނުހިފެހެއްޓުނީމަ ނިކުތް ބައެއް އަޅުގަނޑުމެން މިއީ. އަޅުގަނޑުމެން ނޫޅެން ކޮންމެހެން ތި ޕާޓީއަކަށް ހިއްސާއެއް ހޯދަން ސަރުކާރުން ވަކި މިންވަރެއްގެ މަގާމުހޯދާކަށް" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ޑިމޮކްރެޓްސްގެ އަސާސްތަކާ ޚިލާފަށް ހިންގާ އެއްވެސް ސަރުކާރެއްގެ ފަހަތަށް އަރަން ބޭނުން ނުވާކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް އަކީ ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯދި ޕާޓީއެވެ. ދެވަނަ އެމްޑީޕީއަށް ލިބުނުއިރު, އެންމެ ގިނަ ވޯޓް ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންއެވެ.