Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ސުޢޫދީ ޢަރަބިއްޔާގައި 2022 ވަނަ އަހަރު ދުވާލަކު 168 ވަރި، ކީއްވެ؟

ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދުވަހުނޫހެއް ކަމުގައިވާ ޢުކާޡު ސުޢޫދީ ޢަރަބިއްޔާގެ ތަފާސްހިސާބާ ބެހޭ ޢާންމު އިދާރާއާ ހަވާލާދީ އިއްޔެ ޝާއިޢުކުރި ދިރާސާއެއް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި 2022 ވަނަ އަހަރު އެވުރެޖު ގޮތެއްގައި ދުވާލަކު 168 ވަރި ކޮށްފައި ވެއެވެ. އެއީ ގަޑިއަކު 7 ވަރިއެވެ. މި އިދާރާ ބުނާގޮތުގައި 2020ގެ ފަހަތުކޮޅުގައި 57 ހާސް 595 ވަރި ކުރެވިފައިވެއެވެ.އެއީ 2019ވަނަ އަހަރާ އަޅާބަލާއިރު ނިސްބަތުން 12.7 % އިތުރު މިންވަރެކެވެ.
ޢުކާޡުން ސުޢޫދީ ޢަރަބިއްޔާގައި ވަރި ގިނަވަމުންދާ މަސްއަލާއާމެދު ވަރަށް ދިގު ދިރާސާއެއް ކޮށްފައިވެއެވެ. ވަރި ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި މީސްމީޑިޔާ ފާހަގަކޮށްފައި ވެއެވެ.
މި ނޫހުގެ ދިރާސާ ބުނާގޮތުގައި ވަރި ގިނަވަމުންދަނީ އެތައް ބަހާތަކަކާއި ސަބަބުތަކަކާ ހެދިއެވެ. އޭގެތެރޭގައި އަމިއްލަ ޝަޚްޞީ ބަހާތަކާއި އިޖްތިމާޢީ ބަހާތަކާއި މީސްމީޑިޔާ ވެއެވެ.

ޝައްކާއި ހީ

މި ނޫހަށް މަޢުލޫމާތު ދެއްވަމުން ޑރ. ޚާލިދުލް ޢުޘައިމީން ވިދާޅުވާގޮތުގައި ނަފްސާނީ ބަހާތަކުގެ ސަބަބުން ވަރި ގިނަވެއެވެ. އޭގެ ތެރޭގައި ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުނުކުރުމާއި އެކަކު އަނެކަކާމެދު ޝައްކުކުރުމާއި އެކަކު އަނެކަކަށް ފާރަލުން ވެއެވެ. ބައެއް ފަހަރަށް ފިރިމީހާ އޭނާގެ އަނބިމީހާއަށް ގެއިން ބޭރަށް ނުކުތުން މަނާކުރެއެވެ. އަނެއްބައިފަހަރަށް އަނބިމީހާ އޭނާގެ ފިރިމީހާ އުޅޭނޫޅޭގޮތްބެލުމާއި އޭނާއަށް ޖާސޫސުކުރުން ހިމެނެއެވެ. ބައެއް ފަހަރަށް މި ކަންކަން ހިނގަނީ ނަފްސާނީ ސަބަބުތަކަކާ ހެދިއެވެ. ބައެއްފަހަރަށް އެކަކު ފުށުން އަނެކަކަށް ލިބެންޖެހޭ ލޯތްބާއި އަޅައިލުމާއި އޯގާވެރިކަން ނުލިބުމުގެ ސަބަބުންނެވެ.

ޚަރަދުބޮޑުވުމާއި ބޭކާރު ކަންކަމަށް ހޭދަކުރުން

ޑރ. ޢުޘައިމީން ވިދާޅުވިގޮތުގައި ވަރި ގިނަވުމުގެ ބަހާތަކުގެތެރޭގައި އިޤްތިޞާދު ވެސް ހިމެނެއެވެ. އޭގެތެރޭގައި ލިބޭ މިންވަރަށް ނުބަލައި ޚަރަދުކުރުމާއި މާއްދީ ދެއްކުންތެރިކަމުގެ އޮއިވަރުގައި ޖެހި ތިމާއަށް ނުލިބޭވަރަށް ޚަރަދުކުރުމާއި މި ކަންކަމުގެ ސަބަބުން ދަރަނި ބޮޑުވުން ވެއެވެ. މިފަދަ އިޤްތިޞާދީ މަސްއަލަތައް އުފެދެނީ ކުރިމަގަށް ބަލައިގެން ތަނަވަސްކަން ވުނަކުރުމުގެ ސަޤާފަތެއް ލިބިފައި ނުވާތީއެވެ.

ޢަމަލާއި އިދިކޮޅު ޢަމަލު

އިޖްތިމާޢިއްޔާތުގެ ޢިލްމުވެރިއެއް ކަމުގައިވާ ޢަބްދުﷲ އަލް ބަޤްޢާވީ ވިދާޅުވާ ގޮތުގައި ވަރި ގިނަވުމުގެ ބަހާތަކުގެތެރޭގައި އަނބިމީހާ ، ފިރިމީހާއާއި ދަރީންގެ ޙައްޤުތައް އަދާކުރުމުގައި އިހްމާލުވުން ވެއެވެ. މިކަމުގެ އެއް ސަބަބަކީ އަނބިމީހާގެ ވަޒީފާއެވެ. ބައެއްފަހަރަށް އަނބިމީހާ ވަޒީފާގެ މަސްއޫލިއްޔަތާހެދި ގެއިން ބޭރުގައި އަށެއްކަ ގަނޑިއިރު ހޭދަކުރެއެވެ. އޭނާ ގެއަށް އަންނައިރު ވަރުބަލިވެ ހަކަތަ ހުސްވުމުގެ ސަބަބުން ގޭގެ މަސައްކަތްތައް ކުރުމުގައި ފަރުވާކުޑަކުރެވެނީއެވެ. އަލްބަޤްޢަވީ ވިދާޅުވި ގޮތުގައި އަނބިމީހާއަށް އާމްދަނީއެއް ލިބޭތީ ޢާއިލާއަށް ޚަރަދުކުރުމުގައި ފަރުވާކުޑަކުރުން ވެސް މި ބަހާތަކުގެތެރޭގައި ހިމެނެއެވެ. މީގެއިތުރަށް ދެމަފިރިން މަސައްކަތްކުރާތީ އުފެދޭ ޣައިރަތްތެރިކަން ވެސް ވަރި ގިނަވުމުގެ ބަހާތަކުގެތެރޭގައި ހިމެނެއެވެ. އޭނާ ވިދާޅުވިގޮތުގައި މީސްމީޑިޔާއާއި ނެޓަކީ ވެސް ދެމަފިރިން ދެމެދުގައި މަސްއަލަ އުފައްދާ ބަހާއެކެވެ. މީސްމީޑިޔާގެ އޮޅިތަކުގައި އެއިން ކޮންމެ މީހަކު އެތައް ގަޑިއިރެއް ހޭދަކުރާތީ އެކަކު އަނެކަކަށް އަޅައިލުންކުޑަވެގެންދާތަން ފެނެއެވެ. މި ކަމުގެ ސަބަބުން ޒަވާޖީ ޙަޔާތާމެދު ނައްސި ގޮތަކަށް ވިސްނުން އިތުރުވުން ވެއެވެ.

ޒިންމާ އަދާކުރުމާ ދުރުހެލިވުން

ޢާއިލާއާ ބެހޭ ވަސޭހަތްތެރިއެއް ކަމުގައިވާ ޢަބްދުލްޢަޒީޒުލް ޙުސައިނީ ވިދާޅުވާގޮތުގައި މި ޖީލަކީ އެހެން މީހުންނަށް ބަރޯސާވާ ޒިންމާދާރުކަން ކުޑަ ޖީލެކެވެ. މި ޖީލުގައި ބައެއް ފިރިހެނުން ގިނަ ވަގުތު ހޭދަކުރަނީ އިލެކްޓްރޯނިކް ކުޅިވަރުތައް ކުޅުމުގައްޔާއި ނެޓްގައްޔާއި ރަށްޓެހީންނާއެކު ކޮފީގައެވެ. ޢާއިލާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ބައްޕައާއި ނޯކަރުންނެވެ. މިފަދަ މީހުން މީހަކާ އިންނައިރު ޢާއިލާގެ މަސްއޫލިއްޔަތު އަދާކުރުމަށް އަހްލުވެރިއެއް ނުވެއެވެ. ނަތީޖާއަކަށް ވަނީ ކާވެނި ނާކާމިޔާބުވެ ރޫޅުމެވެ.

އޭނާ ވިދާޅުވިގޮތުގައި ވަރި ގިނަވުމުގެ ސަބަބުތަކުގެތެރޭގައި އަންހެނުންނާ ބެހޭގޮތުން އޮޅިތަކުގައި ކިޔާ ޖޯކުތަކާއި ކުރާ ފުރައްސާރަތައް ގިނަވުން ވެއެވެ. އެމީހުން ބޭރު އަންހެން ކުދީންގެ އުޅުމާއި ކެއްކުމާއި ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމާއި ފިރިންނަށް އަޅައިލުމާ ބެހޭގޮތުން އަޅައިބަލައި ކިޔާ ހަޖޫތައް ވެސް ވަރި ގިނަވުމުގެ ސަބަބުތަކުގެތެރޭގައި ވެއެވެ.

އާދަކާދަތަކަށް ބަދަލުއައުން

ޙުސައިނީ ވިދާޅުވާގޮތުގައި އާދަކާދަތަކަށް ބަދަލުއައުމަކީ ވެސް ވަރި ގިނަވުމުގެ ސަބަބުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. ބައެއް ފިރިން އެމީހުންގެ އަނބިން މަސައްކަތްކޮށްގެން ހޯދާ ފައިސާ ގޭގެ ޚަރަދުތަކަށް ހޭދަކުރުމަށް އެދެއެވެ. އެހެނަސް މިއަދު އަންހެން ކުދީން ދެކޭގޮތުގައި އެއިން ގެއަށް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ޚަރަދު ކުރަން ޖެހޭނީ ފިރިމީހާއެވެ. މިކަމުގެ ސަބަބުން އުފެދޭ އަރާރުން ގިނަފަހަރަށް ނިމެނީ ވަރިންނެވެ.

އޭނާ ވިދާޅުވާގޮތުގައި އިއްޔެގެ މުޖްތަމަޢުގައި ބައްޕައަކީ އަމުރުވެރިޔާއެވެ. އަދި ނަހީވެރިޔާ ވެސްމެއެވެ. އެހެނަސް މި ޒަމާން ގޮވައިލަނީ ދެމަފިރިން ވާހަކަ ދައްކައިގެން މަސްއަލަތައް ޙައްލުކުރުމަށެވެ. އެކަކު އަނެކަކު ރަނގަޅަށް ދެނެގަނެގެން އެކީގައި އުޅުމަށެވެ. މި ކަމުގެ ސަބަބުން އުފެދިފައިވާ ވަޅުގަނޑު ގިރާކުރަން ބައެއް މީހުންނަށް އުނދަގޫވެއެވެ. އިއްޔެ ފިރިމީހާ އަނބިމާހާގެ ޙައްޤުތަކަށް އަރައިނުގަނެ ގޭގައި ވެރިކަން ކުރަމުން ދިޔައެވެ. މިއަދު މިވަނީ ޙާލަތު ބަދަލުވެފައެވެ. ދެ ފަރާތް ވަނީ ތަފާތުވެފައެވެ. ދެނެގަތުމުގެ ވަސީލަތް ވަނީ ތަފާތުވެފައެވެ. ވާހަކަދެއްކުމުގެ ސުލޫކު ވަނީ ބަދަލުވެފައެވެ. ދެމަފިރީންގެތެރެއިން ކޮންމެ މީހަކުވެސް ދެކޭގޮތުގައި އޭނާގެ ޙައްޤު ލިބެން ޖެހޭނެއެވެ. ދޫކުރުމެއް ނެތެވެ. މިހެންވެ ދޮރު ބަންދުވެ ދެމަފިރިންނަށް ވަކިވަން ޖެހެނީއެވެ.

ސްނެޕްޗެޓް ވަބާ

އަލްޙުސައިނީ ވިދާޅުވާގޮތުގައި ޢާއިލާ ރޫޅުމުގައި އަންހެނާގެ ދައުރު ވެސް ވަކި ކުޑައެއް ނޫނެވެ. ފަންނިއްޔަތުގެ ވަސީލަތްތަކުގެ ސަބަބުން މައިންބަފައިންނަށް ދަރިން ތަރްބިޔަތު ކުރުމުގައި ލިބިފައިވާ ދައުރު ވަނީ ބަލިކަށިވެފައެވެ. ބަސްއެހުމާއި ކިޔަމަންތެރިކަމުގެ ގިޔަމުތައް ކުދީންގެ ގައިގައި މިއަދު އިންދަނީ މީސްމީޑިޔާގެ އޮޅިތަކުންނެވެ. ޚާއްޞަކޮށް ސްނެޕްޗެޓްތަކުންނެވެ. ފިރިމީހާއަށް ކިޔަމަންގަތުމަކީ މިއަދުގެ ގިނަ އަންހެން ކުދީން ދަންނަ ކަމެއްނޫނެވެ. ވަރީގެ މަސްއަލަތަކުގައި އަންހެންކުދީން ހުޅުވިފައިވާލެއް މާ ބޮޑެވެ. ފިރިމީހާއާއެކު ދެބަސްވުމެއް ހަމަ ހިނގާއިރަށް ވަރިކުރާށޭ ބުނެއެވެ.
ވަރި ގިނަވުމުގެ ސަބަބުތަކުގެތެރޭގައި އޮޅިތައް ގިނަވުން ވެއެވެ. އަންހެނުންނަށް ޚާއްޞަކޮށް ހަދައިފައި ހުންނަ އޮޅިތަކެވެ. މި އޮޅިތަކަށް ވަންނަ އަންހެންކުދިން އެކުދިންގެ ކޮފީތަކާއި ބާޒާރުކުރުންތަކުގެ ވާހަކަތައް ކިޔައިދެއެވެ. އެ ކުދީން އުޅޭ މަޖާ ޙަޔާތުގެ ވީޑިއޯތައް ދައްކައެވެ. ކުރާ ދަތުރުތަކާއި ޗުއްޓީ ހޭދަކުރާގޮތް ކިޔާދީ ހަދައެވެ. މި ކަމުގެ ސަބަބުން އަންހެން ކުދީންނަށް ހީވަނީ ދިރިއުޅުމަކީ އެއީ ކަމަށެވެ. އެހެންކަމުން އެ ކުދީން ޒަވާޖީ ޙަޔާތެއް ބޭނުމެއް ނުވެއެވެ. މީހަކާ ނީދެއުޅުމުން ލިބޭ މިނިވަންކަން ބޮޑުކަމުން ގިނަ ބަޔަކު އަވަހަށް ވަރިވެވޭތޯ ބަލައެވެ.
ކުރީ ޒަމާނުގައި ވަރިކޮށްފައި އިންނަ އަންހެނަކާ މީހަކު ނީންނާނެއެވެ. އެހެނެއްކަމަކު މިއަދު އެއީ މަސްއަލައެއް ނޫނެވެ. ކުރީ ޒަމާނުގައި ދެމަފިރިންގެ ދެމެދުގައި މަސްއަލައެއް ޖެހިއްޖެނަމަ އަންހެން ކުއްޖާގެ ބައްޕަ އެ މަސްއަލަ ޙައްލުކޮށްދެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. އަނެހެންކުއްޖާގެ ބައްޕަ އެކުއްޖާ ދިފާޢުކުރާކަށް ނޫޅޭނެއެވެ. ބައްޕަ އަބަދުވެސް ނަސޭހަތް ދޭނީ ފިރިމީހާއާއެކު އުޅުމަށެވެ. މިއަދު މި ޙާލަތު ވަނީ ބަދަލުވެފައެވެ. ބައްޕަ ބުނާނީ ދަރިފުޅަށް ފެންނަ ގޮތެއް ހަދާށެވެ. ނަތީޖާއަކަށް ވާނީ ވަރިއެވެ.

ޒަވާޖީ ޚިޔާނަތް

ވަރި ގިނަވުމުގެ ސަބަބުތަކުގެތެރޭގައި ޒަވާޖީ ޚިޔާނަތްތެރިކަން ވެސް ފާހަގަ ކުރެވެއެވެ. މި ޒަމާނުގައި މި ޚިޔާނަތުގެ މަފްހޫމުވެސް ވަނީ ބަދަލުވެފައެވެ. މީސްމީޑިޔާގެ އޮޅިތަކުގެތެރެއިން އިލެކްޓްރޯނީ ޚިޔާނަތްވެސް ވަނީ ތަޢާރުފުވެފައެވެ. މި ކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު ގެއްލި ކާވެނީގެ ގޮށް މޮހިގެންދަނީއެވެ.

ގެވެހިއަނިޔާ

ހިންސައަކީ ވެސް ކާވެނީގެ ގޮށް މޮހައިލާ ސަބަބުތަކުގެތެރޭގައި ހިމެނޭކަމެކެވެ. ހިންސައިގެ ތެރޭގައި ޖިސްމާނީ އަނިޔާއާއި ދުލުގެ އަނިޔާވެސް ހިމެނެއެވެ. އަނބިމީހާއަށް އެއްޗެހިކިޔުމާއި އަރާރުންވުމާއި ފުރައްސާރަކުރުންފަދަ ކަންތައްތަކަކީ މިއަދު ގޭތެރޭގައި ހިނގާ ކަމެކެވެ.

ކާވެނީގެ ގޮށް މޮހިގެން ދިޔުމަށް އެހީވާ ސަބަބުތަކުގެތެރޭގައި ދަރިން ނުލިބުން ވެސް ވެއެވެ. ދަރިން ތބިނަމަ ވަރިކުރުމުގެ ކުރިން ނުވަތަ ވަރިކުރަން އެދުމުގެ ކުރިންނާމެދު ވިސްނައިލާ ތަން ފެނެއެވެ.

މި ލިއުމާއި ގުޅޭ