ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ގުޅިވަޑައިގެން ދެން މަސައްކަތް ކުރެއްވެން ނެތްކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް ޑީއާރްޕީގެ ކުރީގެ ލީޑަރު އަބްދުﷲ ޖާބިރު ދިން ދައުވަތަކާއި ގުޅިގެން އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވަމުންނެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަ ދައްކަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ ދެބައިވެ އުފެއްދި ޑިމޮކްރެޓްސްއަށް ލިބުނު ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގައި ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބު ނާކާމިޔާބުވުމަށް ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުމެވެ. އެހެންވެ އަލުން އެ ފިކުރު ގުޅިގެން ރައީސް އިބްރާހިމް ވެރިކަމަށް ހޮވުމަށް ޖާބުރު ގޮވާލިއެވެ.
"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ. ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ،" ޖާބިރު ގޮވާލިއެވެ.
ޖާބިރު މިފަދައިން ވިދަޅުވުމާއި ގުޅިގެން އޭނާގެ ވާހަކަ ހުއްޓުވާ ރައީސް ނަޝީދު ވިދާޅުވީ ދެން އެކަން ވާން ނެތްކަމަށެވެ.
"އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ނަޝީދު ރައްދު ދެއްވިއެވެ.