Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ދިވެހި އަސްކަރިއްޔާ ސިޔާސީ ކުރުމުގެ ގެއްލުން މުޅި މުއައްސަސާއަށާއި ގައުމަށް ކުރާނެ: އާދަމް ޝަރީފް

ދިވެހި އަސްކަރިއްޔާ ސިޔާސީ ކުރުމުގެ ގެއްލުން މުޅި މުއައްސަސާއަށާއި ގައުމަށް ކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ވިދާޅުވާން ދިވެހި ޤައުމީ ދިފާއީ ބާރުގެ ވެރިންނަށް ސަރުކާރުން މަޖުބޫރުކުރުވުމާއި ގުޅިގެންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅިގެން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ގިނަ ވޯޓުތަކެއް ގެއްލިފައެވެ. އެކަމާ ގުޅިގެން ދެވަނަ ބުރަށް ތައްޔާރުވުމަށް އިންޑިއާ ސިފައިން ނެތް ކަމަށް ބުނުވަން ސިފައިންގެ އިސް ފަރާތްތަކަށް ސަރުކާރުން މަޖުބޫރުކޮށްގެން ނެގުވި އިންޓިވިއުގައި ސިފައިންގެ 8 ޖެނެރަލަކު ބައިވެރިވެވަޑައިގެންނެވިއިރު، އެއިން އެއްވެސް ބޭފުޅަކު ރާއްޖޭގައި އެއްވެސް ހައިސިއްޔަތަކުން ޤާއިމުވެ އިންޑިއާ ސިފައިން ނުތިބޭކަމަށް ވިދާޅުނުވިއެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ އަސްކަރީ ތަންމްރީންތަކާއެކު ގައުމަށް ގިނަ ދުވަސްތަކެއް ވަންދެސް ޚިދުމަތް ކޮށްދީފައިވާ އަސްކަރިއްޔާގެ ޖެނެރަލުން މިފަދަ ގޮތަކަށް ބޭނުން ކުރުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ މިފަދަ ގޮތަކަށް ސިޔާސީ ކުރުމުގެ ގެއްލުން މުޅި މުއައްސަސާއަށާއި ގައުމަށް ކުރާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދު ނެގި އިންޓަވިއުގައި ބައިވެރިވެވަޑައިގެންފައިވަނީ ޗީފް އޮފް ޑިފެންސް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމާއި، ބްރިގޭޑިއާ ޖެނެރަލް ވާއިސް ވަހީދާއި، މި ސަރުކާރުން ދާދި ފަހުން ބްރިގޭޑިއާ ޖެނެރަލްގެ މަޤާމަށް ޕްރޮމޯޓުކުރި ބްރިގޭޑިއަރ ޖެނެރަލް ޑރ.އަލީ ޝާހިދު، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ރަޝީދު، އަދި ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި ބްރިގޭޑިއާ ޖެނެރަލް ޙާމިދު ޝަފީޤެވެ.

މިހުރިހާ ބޭފުޅުންވެސް މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގައި އަސްކަރީ ދައުރެއް އަދާކުރުމަށް ބޭރު ޤައުމެއްގެ ސިފައިން ނެތްކަމަށް ދެއްކެވި ވާހަކަފުޅެވެ. އަދި އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ހިމެނިފައިނުވާނެއެވެ.

މި އިންޓަވިއުތަކުގެ ތެރެއިން މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިންޓަވިއު ޕީއެސްއެމްއިން މިހާރު އަންނަނީ ދައްކަމުންނެވެ. އަދި ހުރިހާ ޖެނެރަލުންގެ އިންޓަވިއު ހިމެނޭ ވީޑިއޯ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.
މި ލިއުމާއި ގުޅޭ