އުތުރުތިލަފަޅުގައި އިންޑިއާއިން ކުރަމުން އަންނަ ކަންކަމުގެ ތަފުސީލު ދިވެހި ޤައުމީ ދިފާއީ ބާރުގައި މިހާތަނަށް ހުންނެވި ހަމައެކަނި ނޭވަލް އާކިޓެކްޓު ޒިހާން ހަސަން ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.
ޒިހާނަކީ އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކަޑެމީއިން މެރިން އިންޖިނިއަރިންއާއި ނޭވަލް އާކިޓެކްޗާ ކިޔަވައިވިދާޅުވެފައިވާ ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރައްވަނިކޮށް އޭނާ ވަޒީފާއިން ވަކިކުރީ މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރިންނެވެ.
ފޭސްބުކުގައި ޒިހާނު ލިޔުއްވި ޕޯސްޓެއްގައި އޭނާވަނީ އުތުރުތިލަފަޅު ތަރައްޤީކުރުމަށް މި ސަރުކާރު އައުމުގެ ކުރިން ސިވެކް އިން ހުށަހަޅާފައިވާ ކޮންސެޕްޓް ޑިޒައިނެއް ހިއްސާކުރައްވާފައެވެ.
ކޮންސެޕްޓު ޑިޒައިންގެ ފޮޓޯތަކާއެކު ފޭސްބުކުގައި ޒިހާނު ލިޔުއްވީ އެ ޑިޒައިން ހުށަހަޅައިދެއްވަނިކޮށް ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލު އެ ޕްރެޒެންޓޭޝަން މެދުކަނޑައިލެއްވުމަށްފަހު އެ މަސައްކަތް ޝަމާލައު "އޮއްބައިލީ" ކަމަށެވެ. އެއަށްފަހު އުތުރިތިލަފަޅުގެ މަސައްކަތާއި ސިފައިންގެ އެ ދާއިރާގެ ބޭފުޅުންނާ ގުޅުމެއް ނެތް ކަމަށްވެސް ޒިހާނު ވިދާޅުވިއެވެ.
އަދި އެއަށްފަހު ދެން ފެނިވަޑައިގަތީ އުތުރުތިލަފަޅު ތަރައްޤީކުރުން އިންޑިއާ މީހުންނާ ހަވާލުވެގެން ދިޔަ މަންޒަރުކަމަށާއި، އިންޑިއާއާއެކު ހެދި އެއްބަސްވުމަކާއި ޕްލޭނެއް ފެނިވަޑައިނުގަތަސް އެތަނުގައި ކުރަން އުޅެނީ ކޮން ކަމެއްކަން ސާފުވާކަމަށްވެސް ޒިހާނު ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ތަރައްޤީކުރާ ބަނދަރުގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާގެ ހެޖެމޮނީގެ ތެރެއިން ރާއްޖޭގެ ސަރަހައްދުގައި އެ ޤައުމުގެ އަސްކަރީ އަދި އިޤުތިޞާދީ ބާރުވެރިކަން ވަރުގަދަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ޒިހާން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާ އޮތް ގުޅުމުގެ ސަބަބުން އިންޑިއާ ކަނޑުގައި އިންޑިއާއަށް އޮތް ނުފޫޒު ގެއްލިދާނެކަމަށް ހީވުމުން، ކުރިއަށް އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިކަމެއްގައި އެމީހުންގެ ކޮންޓުރޯލު ރާއްޖެއިން އަދި އިންޑިއާ ކަނޑުން ނުގެއްލޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އިންޑިއާގެ ބޭނުން ކަމަށެވެ.
އެގޮތުން އެކި ނަންނަމުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ޤާއިމުވެ ތިބުމާއި ސިޔާސަތުތަކަށް އިންޑިއާއިން އަތް ބާނައި ބަސްބުނުމާއި، ކުދި މުއައްސަސާތަކަށް ފައިސާ އަޅާއިގެން ކޮންޓުރޯލުކުރުމާއެކު ވެރިކަމުގައި ތިބި ބަޔަކު ކޮންޓުރޯލުކޮށްގެން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގައިލާ އެއީ ޖިނާއީ ކުށެއް ކަމުގައި ހެދުން ފަދަ އެތައް ކަމެއް ކުރީ އެ ސަބަބާހުރެ ކަމުގައި އޭނާ ލިޔުއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްޤީވަނީ އިންޑިއާގެ ފޯވާޑް ޑިޕްލޮއިޑް ނޭވަލް ބޭސްއެއް ކަމަށެވެ. މިކަން ކުރާއިރު ސިފައިން ހެއްދުމަށް ކޯސްޓު ގާޑަށް ކުޑަ ތަންކޮޅެއް ތަރައްޤީކުރުމަށްފަހު 40 ހެކްޓަރުގެ ސަރަހައްދުގެ ތަނެއްގައި ނޭވަލް ބޭސްއެއް ހަދާނެ ކަމަށްވެސް ޒިހާނު ވިދާޅުވިއެވެ.
"ގުނބޯ ހައްދަން "ބައިލެޓްރަލް"އޭ، "ޖޮއިންޓް އެކްސަޒައިޒް"އޭ، "ޓްރައިލެޓްރަލް"އޭ މިހެން ގޮސް ކުއީންގެ ޑިކްޝަނަރީގައި ހުރިއްޔާ ހުރި ބަސްތަކެއް [ބޭނުންކުރާނެ]،" ޒިހާނު އިތުރަށް ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަށް ކިޔަނީ ނިއޯކޮލޯނިއަލިޒަމް ކަމަށާއި، އެއީ އިންޑިއާގެ ނިއޯ ކޮލޯނިއަލިސްޓު އެޖެންޑާގެ ތެރެއިން ރާއްޖޭގައި ހަންފެތުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.