ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އިސްވެރިންނަށް މަޖުބޫރުކުރުވައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ބުނުވައި، ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރުން އިދިކޮޅު އިއްތިހާދުން ކުށްވެރިކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށްފަހު، އެ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ރައްޔިތުންނަށް ވިސްނައިދީގެންކަމަށް ޤަބޫލުކުރައްވާކަމަށް މިއަދު ރައީސްވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަންކަމާ ދެކޮޅަށް ސަރުކާރުން ރައްދުދީ ވާހަކަދައްކާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އެފަދައިން ވިދާޅުވި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީވަނީ ސިފައިންގެ އިސްވެރިންނާއި އިންޑިއާ ހައިކޮމިޝަން ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަވަން މަސައްކަތްކުރައްވާފައެވެ.
ނަމަވެސް ސިފައިންގެ ގިނަ ވެރިން އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ދެކޮޅުހެއްދެވުމާ ގުޅިގެން، ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ބަދަލުގައި ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ސަރުކާރު ބޭނުންވާ ބައެއް ނޫސްވެރިންނާއި ދައުލަތުގެ މީޑިއާ ހާޒިރުކޮށް ސިފައިންގެ ބައެއް ޖެނެރަލުންގެ އިންޓަވިއުއެއް ނަގާފައިވެއެވެ.
އެ އިންޓަވިއު ވީޑިއޯކުރީ ހަމައެކަނި ދައުލަތުގެ މީޑިއާއިންނެވެ. އެ ވީޑިއޯ މިރޭގެ ވަގުތެއްގައި ދައުލަތުގެ ޓީވީ ޗެނަލުން ދުރަށް ދެއްކުމަށް ނިންމާފައިވާކަން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ.
މި ބަސްދީގަތުމުގައި ބައިވެރިވެވަޑައިގެންނެވި ޖެނެރަލުން އެކަމަށް އެއްބަސްވެވަޑައިގަތީ އެ ބަސްދީގަތުން ނުދެއްވައިފިނަމަ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގައި ޖެނެރަލުންނަށް "ހޭއަރުވައިލާނެ"ކަމަށް ވިދާޅުވެ މާރިޔާ ބިރުދައްކަވައި އިންޒާރުތަކެއް ދެއްވުމާ ގުޅިގެންނެވެ.
އަދި މި އިންޓަވިއު ދެއްވަން ދެކޮޅުހައްދަވާނަމަ، ސިފްކޯ ފުލެޓުތަކުން ޖެނެރަލުންނަށް ދީފައިހުރި ޕެންޓުހައުސްތައްވެސް ނުދެއްވާނެކަމަށް ވިދާޅުވެ، އެ ބޭފުޅުންނަށް މާރިޔާވަނީ ވަރަށް ބޮޑަށް ބިރުދައްކަވާފައެވެ.
އިިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާއެކު އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުން ލައްވާ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރާކަން އެ ކޯލިޝަނަށް ހާމަވެފައިވާ ކަމަށެވެ. އަދި ސިފައިންނަށް މަޖުބޫރުކޮށްގެން ދޮގު މައުލޫމާތު ފަތުރަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި، އިންޑިއާ ސަރުކާރާއެކު ސިއްރު އެއްބަސްވުންތައް ހެދުމާއި، ރާއްޖޭގެ ކަންކަމުގައި އިންޑިއާއިން ބަސްބުނުމަށް ދިވެހިން ނުރުހޭކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއިން ސާފުކޮށް ހާމަވާކަމަށް އިދިކޮޅު އިއްތިހާދުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އިންތިޚާބުގައި ދިވެހިން ތިބި ގޮތް ހާމަވެ، އެމްޑީޕީ ބަލިވުމާއެކު އިންޑިއާއާއި ސަރުކާރު ގުޅިގެން ކަމުގެ ހަގީގަތް ދިވެހިންނަށް އޮޅުވާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓައިލަންވެސް އެ ކޯލިޝަނުން ގޮވައިލިއެވެ.
އޭގެ އިތުރަށް އިންޑިއާއާއެކު ސަރުކާރުން ހަދައި ސިއްރުކޮށްފައިވާ، އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޮގުރަފީއާއި ޑޯނިއާ އަދި ހެލިކޮޕްޓަރު އެއްބަސްވުންތަކުގެ އަސްލު އާންމުކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްވެސް އެ ކޯލިޝަނުން ގޮވައިލިއެވެ. އަދި ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތް މައްޗަށް އިއާދަކުރަންވެސް ގޮވާލާފައިވެއެވެ.